ޕީޕީއެމް-ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުގެ ފަރާތުން މިރޭ ކުރިއަށް ގެންދަން ނިންމާފައިވާ "ބަޑި ބުރާސްފަތި" އެއްވުން ނުބާއްވަން ފުލުހުން އިންޒާރު ދިންނަމަވެސް އެ ޖަލްސާ ކުރިއަށް ގެންދަން އިދިކޮޅު ފަރާތްތަކުން ނިންމައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ފުލުހުން ވަނީ މިއަދު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ފުލުސް އޮފީހަށް ހާޒިރުކޮށް، މިރޭ ބާއްވަން އުޅޭ އެއްވުމަކީ ޤާނޫނާއި ހިލާފު އެއްވުމެއް ކަން އަންގައި، އެ އެއްވުން ނުބޭއްވުމަށް އަންގާފައެވެ. ނަމަވެސް، ޕީޕީއެމް އިން ވަނީ ފުލުހުންގެ އިންޒާރަށް ނުބަލައި "ބަޑި ބުރާސްފަތި" އެއްވުން ކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.

އިދިކޮޅު ކޯލިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހާއި ގުޅުވައިގެން "ބަޑި ބުރާސްފަތި" ނަމުގައި އެންމެ ފުރަތަމަ ބާއްވަން ނިންމަވާފައި އޮތީ ޚާއްސަ ޖަލްސާއެކެވެ. ޕީޕީއެމް އޮފީހުގައި މިދިޔަ ހަފްތާގައި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ އިސްވެރިން ވަނީ އެ ޖަލްސާގައި ރައްޔިތުންނަށް ޚާއްސަ މެސެޖުތަކެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެ ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކުރަން މިހާރުގެ ސަރުކާރުން ދެކޮޅު ހަދާފައިވާތީ މިރޭގެ ޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޕީޕީއެމްގެ އޮފީސް ކުރިމަތީގައި، އެއްވުމެއްގެ ސިފައިގައެވެ. އެ ޙަރަކާތް މިރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ، މިރޭގެ ޖަލްސާގައި ޕީޕީއެމްގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

3 ނޮވެމްބަރު 1988 (ބަޑި ބުރާސްފަތި) ގައި ދިވެހިންގެ ތެރެއިން މަދު އަދަދެއްގެ ބާޢީންގެ މަދަދާއެކު، ލަންކާގެ ތަމަޅަ ޓައިގަރުން ދިވެހިރާއްޖެއަށް އަރައި، ރާއްޖޭގެ ވެރިކަން ވައްޓާލުމުގެ މަޤްސަދުގައި ދިން އުދުވާނީ، ނިރުބަވެރި ހަމަލާތަކުގައި އެތައް ދިވެހި ދަރިންނެއްގެ ލޭ މިޤައުމުގެ ބިމަށް އޮހޮރިގެން ގޮސް، ޝަހީދުވެފައިވެއެވެ. އެ އަހަރަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ 3 ނޮވެމްބަރުގައި، ޝަހީދުވި ދިވެހިންގެ ޖިހާދުގެ މަތިވެރި ޒިކުރާތައް އާކުރުމުގެ މަޤްސަދުގައި ނަސްރުގެ ދުވަސް ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ދަންޑެހިލް

  މިސަރުކާރުގެ އިސްމަގާމުތަކުގައި އެތިބީ 3ނޮވެމްބަރުގެ ނުރައްކާތެރި އުދުވާނީ ޢަމަޅު ހިންގުމުގައި އެންމެ އިސްކޮށް ޚަރަދުކުރި ސިއްކަގެ ދަނބިދަރިންތައް އެހެންވީމާ މިކަމާގުޅޭ ޖަލްސާ ބާއްވަން ހުރަސް އަޅާނެ ނަމަވެސް މިޖަލްސާބާއްވައި މިކަން ފާހަގަކުރުމަކީ މިނުރައްކާތެރި އުދުވާނުގައި ޝަހީދުވެދިޔަ ކުށެއްނެތް ދިވެހި ދަރިންގެ ޛިކުރާއާކުރުމުގެގޮތުން ކޮންމެހެންވެސް ކުރަންޖެހޭކަމެއް

  18
  1
 2. Anonymous

  ނުޖެހެ ހުއްޓުވާކަށް .19 ދިވެހިންލޭ އެއީ އެއްވެސް އަގެއް ނެތް އެއްޗެކޭތަ ހީކުރަނީ. ޙުސައިން އާދަމް މިޤައުމަށް ވީ ޤުރުބާނީގެ އެއީ އެއްވެސް އެއްޗަކަށް ނުވަނީތަ. އިސްލާމީ މަރުކަޒާއި މިސްކިތްތައް ނަޖިސްކޮށް އޭރު ދައުލަތުގެ އިސްވެރިން ހިފާ ހައްޔަރުކޮށް ޢާއްމު ރައްޔިތުން ނަށާއަި މިޤައުމަށް ކުރި ދުއްތުރާ ގެ ހަނދާންތައް ބަޔަކު ހަނދާން ނެތުނަސް ހަނދާން ހުރި މީހުން މިޤައުމުގައި އަދި އެބަ ތިއްބޭ. ލާދީނީ ރިޕޯޓްތައް ހުއްޓުވާ އެމީހުންގެ ޙާޟިރުކޮށް ފިޔަވަޅު އަޅާބަލަ . މިޤައުމުގައި ދެވަނަ އެކަހަލަ ރިޕޯޓެއް ނެރެން ނުކެރޭވަރަށް.

  23
  1
 3. ސަޓޯ

  ސާބަހޭ ޓީމް ޕީޕީއެމް... މިލާދީނީ ކާހިނު ސަރުކާރު ވައްޓާލާ