ކުރީގެ ސަރުކާރުން ލ.ފޮނަދޫގައި އިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތައް ލިބުނު ފަރާތްތަކާއި އެކު އެގްރީމަންޓްގައި ސޮއިކުރަން ފަށައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ލ. ފޮނަދޫގައިި އިމާރާތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން މިހާތަނަށް ހަވާލުނުކުރެވި ހުރި ހައުސިންގ ޔުނިޓްތައް ލިބިފައިވާ ހައްގުވެރި ފަރާތްތަކާއި ގެ ހަވާލުކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރަމުން އެބަގެންދާ ކަމަށެވެ.

މި ގޮތުން ހައުސިންގ ޔުނިޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތުގައި ހައުސިންގ މިނިސްޓްރީގެ އޮފިޝަލުން ނޮވެމްބަރު މަހު 4 ވަނަ ދުވަހުން ފެށިގެން ލ. ފޮނަދޫގައި ހަރަކާތްތެރިވަމުން އެބަދާކަމަށާއި އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް މިމަހު 7 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ.

އެމިނިސްޓްރީން ވިދާޅުވީ ހައުސިންގް ޔުނިޓް ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގައެވެ. ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ލ.ފޮނަދޫގައި ވަނީ 50 ހައުސިންގ ޔުނިޓް އިމާރާތްކޮށްފައެވެ.