ކޮމްޕިއުޓަރ ސައިންސްގެ އައު ހުނަރުތަކާއި އައު އީޖާދުތައް ދުނިޔެއަށް ގެނައުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ އެމެރިކާގެ މަޝްހޫރު ޓެކްނޮލަޖީ ކުންފުނީގެ "އޮރެކަލް އެކަޑަމީ"ގެ މެންބަރު އިންސްޓިޓިއުޓަކަށް ދިވެހިރާއްޖޭގެ ސައިރެކްސް ކޮލެޖު ވެއްޖެއެވެ.

މިއަދު ސައިރެކްސް ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮލެޖުގެ ވައިސް ރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއަދަކީ ސައިރެކްސް ކޮލެޖުގެ މަތީ ތައުލީމު އިތުރަށް ފުޅާ ކުރުމަށްޓަކައި ވަރަށް މުހިންމު ފިޔަވޅެއް އެޅުނު ދުވަހެއް ކަމަށާއި، ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ އޮރަކަލް ކުންފުނީގެ "އޮރަކަލް އެކަޑެމީ"ގެ މެންބަރު އިންސްޓިޓިއުޓަކަށް ސައިރެކްސް ކޮލެޖް ވެފައިވާ ކަމަށެވެ.

އޮރަކަލް އެކަޑަމީގެ މެންބަރު އިންސްޓިޓިއުޓަކަށް ސައިރެކްސް ކޮލެޖް ވެގެން ދިއުމާއެކު، އޮރަކަލްގެ ސޮފްޓްވެއާތައް ސައިރެކްސް ކޮލެޖުގެ ފެކަލްޓީތަކަށާއި، ލެބްތަކުގެ އިތުރުން ދަރިވަރުންގެ ތަޢުލީމީ ބޭނުމަށް ލިބިގެންދާނެއެވެ. އަދި ސައިރެކްސް ކޮލެޖުގައި މިހާރު ކިޔަވައިދެމުންދާ އޮރަކަލްގެ މާއްދާތައް އޮރަކަލް އެކަޑެމީގެ ކަރިކިއުލަމްތަކަށް ބަދަލުވެގެންދާއިރު، އިތުރު ދާއިރާއަކުން އޮރަކަލް އެކަޑަމީގެ ކަރިކިއުލަމަށް ކިޔަވއިދިނުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި ގުޅުމުގެ ސަބަބުން، ސައިރެކްސް ކޮލެޖުގެ ކޯސްތަކުގައި ކިޔަވައިދޭ ބައެއް މެޑިއުލްތައް ނިންމާ ދަރިވަރުންނަށް ސައިރެކްސް ގެ ސެޓްފިކެޓްގެ އިތުރުން އޮރަކަލްގެ ސެޓްފުކެޓް ލިބިގެންދާއިރު، އެ ކަރިކިއުލަމްތައް ކިޔަވައިދިނުމަށްޓަކައި ބޭނުންވާނެ އޮންލައިން ލަރނިން މެނޭޖްމަންޓް ސިސްޓަމްތައްވެސް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ސައިރެކްސްގެ ދަރިވަރުންނަށް ކެރިއަރ ބިލްޑިން އާއި ކެރިއަރ އެޑްވައިސް ލިބި އައު ހަރުފަތްތަކަށް ދަރިވަރުން ގެންދިއުމުގެ މަގު ތަނަވަސް ކޮށްދިނިމުގެ ގޮތުން އޮރަކަލްގައި މަސައްކަތްކުރާ އިންފޮމޭޝަން ޓެކްނޮލަޖީ ސްޕެޝަލިސްޓުންނާ ގުޅުމުގެ ފުރުޞަތު ފަހިވެކޮށްދިނުމަށް ވޯކްޝޮޕްތައް ރޭވިފައިވާއިރު، ސައިރެކްސް ގެ ދަރިވަރުން ބައިވެރިވާ އޮރަކަލްގެ އޮންލައިން ވަރޗުއަލް ދުވަހެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށާއި، ސައިރެކްސް ކޮލެޖުގެ މުވައްޒަފުންނާއި ލެކޗަރާރސް ތަރައްޤީ ކުރުމުގެ ގޮތުން އޮރަކަލްގެ ޓްރެއިނިންތަކާއި ވޯކްޝޮޕްތައް ރާވާފައިވާ ކަމަށާއި މި މަސް ނިމުމުގެ ކުރިން ފުރުތަމް ވޯކްޝޮޕް، ބާއްވާނެކަމަށް ވައިސް ރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

ސައިރެކްސް ކޮލެޖުން އަބަދުވެސް ބޭނުންވަނީ، ސައިރެކްސް ކޮލެޖުން ދަރިވަރުނަށް ކުރިއަށް ގެންދާ ކޯސްތަކުގައި އެންމެ ޒަމާނީ ޓެކްނޮލަޖީއާއި އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކުރުން ކަމަށާއި، އޮރެކަލް އެކަޑަމީގެ މެންބަރު އިންސްޓިޓިއުޓްކަން ހޯދުމަކީ އެގޮތުން ގެންނަވާ ބަދަލުތަކުގެ އެއް ފިޔަވަޅު ކަމަށް އެ ކޮލެޖުގެ ޑީން އޮފް ސްޓޫޑެންޓްސް އަނިލް އާދަމް ވިދާޅުވިއެވެ.

އޮރަކަލް އެކަޑަމީއަކީ ދުނިޔޭގެ 119 ޤައުމެއްގައި، 3 މިލިއަނަށްވުރެ ގިނަ ދައިވަރުންނަށް އިންފޮމޭޝަން ޓެކްނޮލަޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަމުންދާ މަޝްހޫރު އެކަޑަމީއެކެވެ.

ކިޔުންތެރިންގެ ހިޔާލު