ރާއްޖެ އައި މީހެއްގެ އަތުން 2339 އެމްފެޓަމައިން ގުޅަ އަތުލައިގެންފިއެވެ.

މި ތަކެތި ފެނިފައި ވަނީ ބަންގަލަދޭޝް އިން ރާއްޖެ އައި މީހެއްގެ އަތުންނެވެ.

ވައިގެ މަގުން ރާއްޖެ އެތެރެވާން އުޅުނު މި މީހާ އަތުލައިގެންފައި ވަނީ ކަސްޓަމްސް އިންނެވެ.

2019 ނޮވެންބަރު 06 ވަނަ ދުވަހުގެ ރޭ ރާއްޖެ އައި ޢުމުރުން 28 އަހަރުގެ މި ފިރިހެން މީހާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ގުޅަތަކެއް ފެނިގެން އެތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓްކުރި އިރު އެމްފެޓަމައިން އަށް ވަނީ ޕޮސިޓިވް ވެފައެވެ.

2339 ގުޅަ މި މީހާ އަތުން ފެނުނުއިރު، މިތަކެތީގެ މަގުމަތީ އަގު 2,33,900.00 (ދެ ލައްކަ ތެއްތިރީސްހާސް ނުވަސަތޭކަ) ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއްވައެވެ.

މި މައްސަލާގައި ޝާމިލްވި ބިދޭސީ މީހާ އާއި އޭނާ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި ހަވާލު ކުރެވިފައި ކަސްޓަމްސް އިން ވިދާޅުވެއެވެ.