އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ޅ.ނައިފަރު މަސްޖިދުލް ޣުފްރާން އޭސީ ކުރުމުގެ އެއްބަސްވުމުގައި ބަޔަކާއެކު ސޮއި ކޮށްފިއެވެ.

މަސްޖިދުލް ޣުފްރާން މިސްކިތް އޭސީ ކުރުމަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހަވާލު ކޮށްފައިވަނީ އަވި ޓެކްނޮލޮޖީސް ޕްރައިވެޓް ލިމިޓެޑާއެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ އެވެ. އަދި އަވި ޓެކްނޮލޮޖީސް ކުންފުނިގެ ފަރާތުން ސޮއި ކޮށްފައިވަނީ ޙަސަން ޔާސިރެވެ.

އިސްލާމިކް މިނިސްޓްރީން މި ޕްްޖެކްޓް އަވި ޓެކްނޮލޮޖީސް އާއި ހަވާލު ކޮށްފައިވަނީ 8 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 745،734.33 ރުފިޔާއަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލަމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ މިސްކިތެއް އޭސީ ކޮށް އަންހެން ބޭފުޅުންނަށް ނަމާދު ކުރެވޭގޮތް ހެއްދެވުމަކީ މި ސަރުކާގެ ވައުދެއް ކަމަށެވެ. އަދި މިއަހަރަށް މުޅިއެކު 10 މިސްކިތެއް އޭސީ ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މިއަދު މި ހަވާލު ކުރެވުނީ 3 ވަނަ މިސްކިތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު ފ. ދަރަންބޫދޫ އަދި ހއ. ބާރަށުގައި 2 މިސްކިތް އިއާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން އޭސީ ކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ޕްރޮޖެކްޓް ހިންގަނީ ދައުލަތުގެ ބަޖެޓުން ކަމަށާއި އަދި އުއްމީދަކީ މިއަދު ވެވުނު އެއްބަސްވުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ.