ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަމުރުތަކަށް ގޮންޖަހައި، އެ އަމުރުތަކާއި ޙިލާފަށް އަމަލު ކުރަމުން ގެންދާ ޖޭއެސްސީ މެމްބަރުން ތިބީ ހުވަޔާއި ޙިލާފްވެފައި ކަމަށް އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު ދެންމެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ނިންމުން ބަލައިގަތުމަކީ "އަޅުގަނޑު ކޮށްގެން ހުރި ހުވަޔާއި ޙިލާފްވުން" ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑު ކުރި ކުރުންވެސް ބަލައިނުގަންނަ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުންތަކާ ގުޅިގެން ފަނޑިޔާރަކު ހުއްދަ ނޫން އެއްވެސް އަމަލެއް ހިންގި ކަމުގެ އެއްވެސް ހެއްކެއް ދެއްކުމެއް ނެތި އަދި ވުޖޫދުގައި ނެތް މައްސަލަތަކެއް ދައްކައިގެން ޖޭއެސްސީން ހިންގާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އަމަލުތަކެއް ކަމަށް ވެސް ބަޔާނުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

"މިދެންނެވި ގޮތުގެ މަތިން ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އެތައް ކަމެއް ކޮމިޝަނުން ހިންގާފައިވަނީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ ފަހު ބަސް ބުނާ ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓަށް ލިބިފައިވާ ދުުސްތޫރީ އަދި ގާނޫނީ ބާރުވެރިކަން އެ ކޮމިޝަނަށް ނަގައިގެންނެވެ. އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ ފަހު ބަސް ބުނާ ފަރާތަކީ ސުޕްރީމް ކޯޓުގެ ބަދަލުގައި އެ ކޮމިޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ ކަމަށް ސިފަވެގެންދާނެ ގޮތުންނެވެ." އެ ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުގެ ހިންގުން ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލުކުރި ކުރުމާމެދު ވެސް އުއްތަމަ ފަނޑިޔާރު ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ސުޕްރީމް ކޯޓަކީ ޖޭއެސްސީގެ ދަށުން ހިންގާ މުއައްސަސާއެއް ނޫން ކަމަށާއި އެ ކޮމިޝަނަށްވުރެ ހުރިހާ ގޮތުން ވެސް އިސް ތަނެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމާއި ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތު އެހެން ފަނޑިޔާރަކާ ހަވާލު ކުރުމަކީ ވެސް ޖޭއެސްސީއަށް އޮތް ބާރެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި އެވެ. ގާނޫނު އަސާސީގައިވާ ގޮތުން ޖޭއެސްސީއިން އައްޔަން ކުރާނީ ސުޕްރީމް ކޯޓު ފިޔަވައި އެހެން ކޯޓުތަކުގެ ފަނޑިޔާރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކަހުރަބު

    ޤާނޫނާ ޚިލާފުވާފަރާތްތަކައް ފިޔަވަޅުއަޅުއްވާ މަނިކުފާނައް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން މަތިކޮއްފާވާ ޡިންމާ ފުރިހަމައައް އަދާކުރައްވާ މަނިކުފާނަކީ ދިވެހިރާއްޖޭގެ ޤާނޫއަސާސީގާ ބުނާ ޤާނޫނުމާނަކުރުމާ ގާނޫގަބުނާ އެންމެފަހުބަސްބުނާފަރާތް މަނިކުފާނުގެހަޔްސިއްޔަތު ވަރައްބޮޑު

  2. ޖާބިރު

    ލާދީނީ ބައިގަނޑަށް ހުވަޔަކީ އެއްވެސް އެއްޗެއްނޫން. މިބައިމީހުންނަށް މި ބާރުވެރިކަން ހޯދައިދިން ދިވެހިންގެ ނުބައިނުލަފާ ކަމާއި ޖާހިލު ކަމާއި ގަޅިކަމާއެވެ.

  3. އިންސާފް

    ޖޭ އެސް ސީ ގެ ހުރިހާ މެމްބަރުންނާ
    ގާަނޫނުގެ ދިގުއަތް އަރާ ހަމަކުރުމައްގޮވާލަން.