ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން ވިދާޅުވީ، އެމީހާ ރާއްޖެއަށް އެތެރެވުމަށް މަސައްކަތް ކޮށްފައިވަނީ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ކަމަށެވެ. އަދި އޭނާ ހިފަހައްޓާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އިމިގްރޭޝަނުން ވިދާޅުވިގޮތުގައި މި މައްސަލައިގައި ހިފަހައްޓާފައި ވަނީ އުމުރުން 44 އަހަރުގެ ބިދޭސީއެކެވެ. ނަމަވެސް އޭނާ އާއި ބެހޭ އިތުރު މަޢުލޫމާތެއް އެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ މަހުވެސް ޕާސްޕޯޓް ނަކަލުކޮށްގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި ދެމީހަކު ހިފަހައްޓާފައި ވެއެވެ. އެ މައްސަލައިގައި ހިފަހައްޓާފައި ވަނީ ބިދޭސީ އަންހެނަކާއި ފިރިހެނެކެވެ.

މިއަހަރުގެ މިހާތަނަށް ނަކަލު ކޮށްފައިވާ ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެއަށް އެތެރެވާން އުޅުނު 19 މީހަކު އިމިގްރޭޝަނުން ހިފަހައްޓާފައި ވެއެވެ. މި މީހުން ހިފެހެއްޓުމަށްފަހު އިމިގްރޭޝަނުން ވަނީ އެމީހުން އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.