ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ކުރިމަތި ލުމަށް ހުޅުވާލައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާޙިމް ހޫދު ވިދާޅުވީ، ޕީޖީގެ މަގާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލާފައިވާ ކަމަށެވެ. އެ ފުރުސަތު ޑިސެމްބަރު އެއް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ރައީސް އޮފީހުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ، އެ މަގާމުގައި ހުންނެވި، އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ބިޝާމް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ މަގާމުން ދުރުކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައި ވަނިކޮށެވެ.

ޕީޖީގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ،ޑައުންލޯޑް ކުރެވޭނެ އެވެ.