ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން، މޫސުން ގޯސްވެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅާއި ހަމައަށައި މ. އަތޮޅުން ފެށިގެން އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީ އަށާއި ހަމައަށެވެ.

މި ސަރަޙައްދުތަކަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 9:15 އިން ފަށައިގެން މެނދުރުފަހު 15:15 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާ އިން ވިދާޅުވީ، ހުދު ސަމާލު ނެރެފައިވާ ވަގުތުގައި، މި ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ވާރޭ ވެހޭނެ ކަމަށެވެ.

އެ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައިވާއިރު، މިއަދު ހެނދުނު މެދުރާއްޖެތެރޭގެ ރަށްތަކަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. ކ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް މި ސަމާލު ނެރެފައި ވަނީ ހެނދުނު 9:39 އާއި ހަމައަށެވެ.

ރާއްޖެއަށް މި ދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ހުރިހާ ހިސާބަކަށްވެސް މޫސުން ވަނީ ގޯސްވެފައެވެ. މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ.