ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް، 4 ބިލެއް ރައީސުލްޖުމްހުރިއްޔާގެ އޮފީހަށް ހުށަހަޅައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ހަތަރު ބިލަކީ ތަޢުލީމުގެ ބިލަކާއި، މަތީ ތަޢުލީމުގެ ބިލަކާއި، ނަފްސާނީ ޞިއްހަތުގެ ބިލަކާއި އަދި އެއްމަދު އިމާރާތުގެ ބިލެކެވެ.

އޭޖީ އޮފީހުން ރައީސް އޮފީހަށް ހުށަހަޅާފައިވާ ތަޢުލީމުގެ ބިލަކީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ޤާއިމްކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ޤާއިމްކޮށް، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އޭގެ މައްޗަށް ބިނާވެގެންވާ އަސާސްތަކާއި، އުނގެނުމާއި ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ދިވެހިރާއްޖޭގައި ތަޢުލީމުދިނުމާ ގުޅޭ އެނޫންވެސް ޢާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރުމަށްޓަކައި އެކުލަވާލި ބިލެކެވެ.

އޭޖީ އޮފީހުން ރައީސް އޮފީހަށް ހުށަހަޅާފައިވާ ދެވަނަ ބިލަކީ މަތީ ތަޢުލީމުގެ ބިލެކެވެ. މި ބިލަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، މަތީ ތަޢުލީމުދޭ މަރުކަޒުތައް ރަޖިސްޓްރީކުރުމަށާއި، އެ މަރުކަޒުތައް ހިންގާނެ އުޞޫލުތައް ކަނޑައަޅައި، މަތީ ތަޢުލީމުގެ ކަންކަން ވިލަރެސްކުރުމަށާއި، އެފަދަ ތަޢުލީމުދޭ މަރުކަޒުތައް މޮނިޓަރކޮށް، އެމަރުކަޒުތަކުން ދޭ ޙިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ އިދާރާއެއް ޤާއިމްކޮށް، އެ އިދާރާގެ މަސްޢޫލިއްޔަތުތަކާއި ބާރުތައް ކަނޑައަޅައި، ދިވެހިރާއްޖޭގައި ތަޢުލީމާއި ތަމްރީނު ދިނުމުގެ ހަރުދަނާ ނިޒާމެއް ރާވައި ހިންގުމާބެހޭ އުޞޫލުތައް ބަޔާންކޮށްދޭ ބިލެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، އޭޖީ އޮފީހުން ހުށަހަޅާފައިވާ ތިންވަނަ ބިލަކީ ނަފްސާނީ ޞިއްހަތުގެ ބިލެކެވެ. މިބިލަކީ ރާއްޖޭގެ ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވާ، ނަފްސާނީ ބަލިތަކަށް މުޖުތަމަޢު އަހުލުވެރިކޮށް، އެފަދަ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތަކަށް ދިވެހި ދައުލަތުގެ ޚަރަދުގައި ފަރުވާދިނުމުގެ ނިޒާމެއް ޤާއިމްކޮށް، އެފަދަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތްކުރުމާއި، އެފަދަ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަމާގުޅޭ އުސޫލުތައް ބަޔާންކުރުމާއެކު، ނަފްސާނީ ބަލީގެ ފަރުވާ އާއި އެފަދަ ފަރުވާއާއި ގުޅޭ ޙިދުމަތްތައް ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ ހަމަތަކާއި އުސޫލުތައް ބަޔާންކުރުމުގެ ބިލެވެ.

އޭޖީ އޮފީހުން ރައީސް އޮފީހަށް ހުށަހަޅާފައިވާ ހަތަރުވަނަ ބިލަކީ އެއްމަދު އިމާރާތުގެ ބިލެކެވެ. އެ ބިލަކީ ދިވެހިރާއްޖޭގައި ބިނާކުރާ ޢިމާރާތްތައް، އެއްމަދު އިމާރާތްތަކެއްގެ ގޮތުގައި ރެޖިސްޓްރީކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމަށާއި، އެއްމަދު ޢިމާރާތެއްގައި ހިމެނޭ ވަކިވަކި ފަރުދުންނަށް ނުވަތަ ފަރާތްތަކަށް މިލްކުކުރެވޭ ގޮތާއި އެތަންތަން ގަނެވިއްކާ، ކުއްޔައްދީ، އަދި އެނޫންވެސް މުޢާމަލާތްތައް ކުރުމާއި ގުޅޭ އުސޫލްތައް ބަޔާންކުރުމަށާއި، އެއްމަދު އިމާރާތެއްގެ ގޮތުގައި ރެޖިސްޓްރީކުރާ ބިމާއި އިމާރާތުގެ އާންމު ސަރަހައްދުތައް ބަލަހައްޓައި، ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ތަޢާރަފުކުރުމަށް އެކުލަވާލާފައިވާ ބިލެކެވެ.