ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަޙައްދުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން، 15 އަތޮޅަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން ހުދު ސަމާލު ނެރެފައިވަނީ އތުރާއި މެދުތެރޭގެ އަތޮޅުތައް ހިމެނޭހެން، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށެވެ. މި ސަރަޙައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11:30 އާއި ހަމައަށެވެ.

މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލުގެ ވަގުތުގައި ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިޔަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރޭ ވެސް މޫސުމާއި ބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައެވެ. މީގެ އިތުރުން ނ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށް ރޭ އެ އިދާރާއިން ރީނދޫ ސަމާލުވެސް ނެރެފައި ވެއެވެ.

ކުރިޔަށް އޮތް ވަގުތުތަކަށް މޫސުން ލަފާކުރާގޮތް ހާމަކޮށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި، އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ އިރާއި އިރުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މުސުމާއި ބެހޭ އިދާރާއިން ވިދާޅުވެއެވެ.

އެ އިދާރާއިން ވިދާޅުވީ، ދެކުނުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، އެހެންހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

މިހާރު ރާއްޖޭގެ އެކި ސަރަޙައްދަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ބޯކޮށް ވާރޭވެހި ވައި ގަދަ ވާނެ ކަމަށް ލަފާކުރެވޭތީ، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން އިލްތިމާސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާމީހާ

    މެޓް އޮފީސް މީހުން މޫސުން ރަނގަޅުވާނީ ކިހާތާކުތޯ ބުނެލުން ރަނގަޅު...މާލެ ނުދެވިފަ މިހުންނަނީ😭😭😭😢