މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި 12 ފުޅި ބަނގުރަލާއެކު ބިދޭސީ މީހަކު ހައްޔަރުކޮށްފިއެވެ.

އެ އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ މި ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ 19:45 އެހާކަށްހާއިރު ފުލުހުން ޕެޓްރޯލު ކުރަމުން ދިޔައިރު އެ ބިދޭސީ މީހާގެ ޢަމަލުތައް ހުރިގޮތުން އޭނާ ހުއްޓުވައި، އޭނާ ކައިރީގައި ބަހައްޓާފައި ހުރި ދަބަހެއް ބަލައި ފާސްކުރި ކުރުމުން 12 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

އެ މައްސަލައިގައި އޭނާ ވަގުތުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތެއް މިހާރު ވަނީ ޖަހާފައެވެ.

ހުޅުމާލެ އަކީ ބަނގުރާ ބޭނުންކުރުން ހުއްދަ ތަނެއް ނޫނެވެ. ރިސޯޓުތައް ފިޔަވައި، ރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ބަނގުރަލާއި، އޫރުގެ ބާވަތްތައް ގެންގުޅުމާއި، ބޭނުންކުރުމަކީ ވެސް ޤާނޫނުތަކާ ޙިލާފު ކަމެކެވެ. ނަމަވެސް، މިފަދަ ހާދިސާތައް މަދުން ނަމަވެސް ފެންނަމުންދާކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ފުލުހުން ވިދާޅުވީ ބިދޭސީއަކު އަތުން 12 ފުޅި ބަނގުރާ ފެނުނު މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.