ކ.ފުށިދިއްގަރު ފަޅު މައްސަލާގައި ދިވެހި ދައުލަތާއި ދެކޮޅަށް ސިންގަޕޯރު އިންޓަރނޭޝަނަލް އާބިޓްރޭޝަނަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިފައި ވަނީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ކުންފުނިންނެވެ.

އެކުންފުނިން މައްސަލަ ހުށަހަޅާފައި ވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީ އާއި އެކުންފުންޏާއި ދެމެދު ވެވުނު ފުށިދިއްގަރުގެ ފަޅު ކުއްޔަށް ދޫކުރުމާއި ތަރައްގީ ކުރުމުގެ އެއްބަސްވުމާއި ދިވެހި ދައުލަތުން ހިލާފުވެފައިވާ ކަމަށް ބުނެ ކަމަށާއި، އެކަން ސިންގަޕޯރ އާބިޓްރޭޝަނަށް ހުށަހަޅައިފައިވާ ކަމަށް ދައލަތަށް އަންގައިފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން މިއަދު ވިދާޅުވިއެވެ.

ބަންޑާރަނައިބު އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޕްރައިމް ކެޕިޓަލް މޯލްޑިވްސް ކޮމްޕެނީ އިން ފޮނުވައިފައިވާ އާބިޓްރޭޝަން ނޯޓުގައި ބާޔަންކޮށްފައި ވަނީ އެ މައްސަލަ އަކީ ފުށިދިއްގަރުގެ ފަޅު ކުއްޔަށްދީ އެފަޅުއި 27 ރަށެއް ހިއްކުމާއި އެ ރަށްތަކުގައި ހޮޓާ ނުވަތަ ރެޗިޑެންޝިއަލް އިމާރާތް އޮފީސް ތަރައްގީ ކުރުމަށް ސަބް-ލީސް ކުރުމަށް ދިވެހި ސަރުކާރާއި ދެމެދު 2013 ވަަނަ އަހަރު ވެވުނު އެއްބަސްވުމާއި ދައުލަތުން ހިލާފުވެފައިވާ ކައްސަލަ ކަމަށެވެ.

އަދި އެމައްސަލަަ އާއި ގުޅިގެން މައްސަލަ އާއި ގުޅޭ އެންމެހާ ކަންކަމުގެ ސިއްރު ހިފެހެއްޓުމަށް ސަރުކާރަށް ލާޒިމްވާ ކަމަށާއި، މި މައްސަލަ އާއި ގުޅިގެން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލާއި އާބިޓުރޭޝަން ހަރަދު ސަރުކާރުން ދިނުމަށްވެސް، އެ މައްސަލައިގައި އެދިފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ނޯޓިހުގައި ބުނެފައިވާ ގޮތައް މައްސަލައިގެ ސިއްރު ސަރުކާރުން ނުހިފަހައްޓައިފި ނަމަ، ފިޔަަވަޅު އެޅުމުގެ ބާރު އާބިޓްރޭޝަނަށް ލިބިގެންވާ ކަމަށް އެނޯޓިހުގައި ބުނެފައިވާ ކަމަށް ބަންޑާރަނައިބު އޮފީހުން ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅު ކުއްޔަށް ދިނުމަށް ކެބިނެޓުން ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއި ކުރީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު އެވެ.

އެގްރިމަންޓްގައި ސޮއިކޮށްފައި ނުވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބައެއް ކަންތައްތަކާއި ގުޅިގެން ދެފަރާތަށް އެކަންތައްތަކަށް އެއްބަސްވުމަކަށް އާދެވިފައި ނުވާތީ ކަން ތަހުގީގަށް ލިބިފައިވާ މައުލޫމާތުން އިނގޭ މި މައްސަލަ ތަޙްޤީޤު ކުރުމަށް ފަހު އޭސީސީ އިން ކުރިން ވިދާޅުވެފައި ވެއެވެ.