ވަގަށް ނަގައިގެން ދުއްވަމުން ދިޔަ ސައިކަލެއް އަތުލުމަށް ފުލުހުން މަސައްކަތް ކުރަމުން ދަނިކޮށް ސައިކަލު ދުއްވަން އިން ވަގު ވެއްޓިއްޖެއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރޭ މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވާ ސައިލެއްގައި މީހަކު ދަނިކޮށް ފެނިގެން ހުއްޓެން ބުނުމުން ސައިކަލް މަޑުނުކޮށް ފިލަން އުޅުމުގެ ތެރޭގައި ސައިކަލް ދުއްވަން އިން މީހާ ވަނީ ވެއްޓިފައި ކަމަށެވެ.

ފުލުހުން ވިދާޅުވީ އެމީހާ ވަގަށް ނަގައިގެން ދުއްވި ސައިކަލު މިހާރު ވަނީ ޓޯ ކުރެވިފައި ކަމަށެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކު ގެންގޮސްފައި ވާކަމަށާއި، ސައިކަލް ވަގަށް ނެގި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވެއެެވެ.

މާލޭގެ އެކި ތަންތަނުގައި ސައިކަލަށް ތަޅުދަނޑި ޖަހައިފައި އަދި ނުޖަހައި ބަހައްޓާފައި ހުންނަ ހާލަތްތަކުގައި އެތަކެތި ދަނީ ގިނަ އަދަދަކަށް ވަގަށް ނަގަމުންނެވެ.

ސައިކަލް ވަގަށް ނެގުން ހުއްޓުވަން ފުލުހުން މީގެ ދެމަހެއްހާ ދުވަސް ކުރިން ވަނީ މާލޭގައި ހާއްސަ އޮޕަރޭޝަނެއް ވެސް ފަށާފައެވެ. ނަމަވެސް އަދިވެސް ސައިކަލް ވަގަށް ނަގާ މައްސަލަތައް މަދުވިކަން ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް ވަގަށް ނަގާފައިވާ ސައިކަލްތައް ފުލުހުން ހޯދާ މިންވަރު މިހާރު އިތުރެވެ.