ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ނުކުރަައްވަން އުއްތަމަ ފަނޑިޔާރު ނިންމަވައިފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ވަކީލް ހިސާން ހުސައިން ވަނީ އުއްތަމަ ފަނޑިޔާރު ބަންދުގައި ބަހައްޓަން ކުރި އަމުރު އިސްތިއުނާފް ނުކުރައްވަން އެ މަނިކުފާނު ނިންމެވި ކަން ކަށަވަރު ކޮށްދީފައެވެ.

ނަމަވެސް އެގޮތަށް ނިންމެވި ސަބަބު ހާމަ ކުރެއްވޭނީ އުއްތަމަ ފަނޑިޔާރާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ހިސާން ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި އިތުރު ދައުވާތަކެއް އުފުލައި، ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ އަމުރުކޮށްފަ އެވެ. އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރަން ލިބޭ 10 ދުވަސް ވެސް މިހާރު ވަނީ ހަމަވެފަ އެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމާއި ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވެއެވެ.

އެގޮތުން މީގެތެރެއިން ބައެއް ދައުވާތަކުގެ ޝަރީއަތް ވެސް މިހާރު ވަނީ ފަށާފައެވެ.