ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ކުރާ ދިރާސާ ޕްރޮގްރާމް ފަށައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ދިރާސާ ޕްރޮގްރާމަކީ ދިވެހި ސަރުކާރާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ހިންގާ ދުރު ރާސްތާ މަޝްރޫއެއް ކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުފަޅުތަކުގައި މި ދިރާސާ ކުރުމުގެ ބޭނުމަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތައް ހިންގާނީ ކަނޑުފަޅުގެ މާހައުލާއި، އެ މާހައުލުގެ ދިރުންތަކަށް ބުރޫ ނާރާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކަމާއިއެކުގައިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށް ރައީސް އޮފީހުން ވިދާޅިއެވެ. އަދި މި ދިރާސާގައި އެއްކުރެވޭ މަޢުލޫމާތުގެ ޒަރިއްޔާއިން ރާއްޖޭގެ މަސްވެރިކަން ދެމެހެއްޓެނިވިގޮތެއްގައި ކުރިޔަށްގެންދިޔުމުގެ އިތުރުން ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ރައްކާތެރިކުރުމަށް ސިޔާސަތު ކަނޑައެޅުމުގައި މި މަޢުލޫމާތު ބޭނުން ކުރެވޭނެއެވެ.

މިދިރާސާގެ އެންމެ ފުރަތަމަ ދަތުރުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ވެއިޓް އިންސްޓިޓިއުޓްގެ އިތުރުން ސްކްރިޕްސް އިންސްޓިޓިއުޓް ފޮރ އޯޝަނޯގްރަފީގެ ސޭންޑިންގ ލެބާއި މިނިސްޓްރީ އޮފް ފިޝަރީޒްގެ ފަންނީ ބޭފުޅުންގެ އިތުރުން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ސައިންސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

މިއީ 26 ދުވަހުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ރާއްޖޭގެ އުތުރާއި ދެކުނުގައިވާ ފަރުތަކުގެ ޙާލަތު ބަލައި، މަހުގެ އާބާދީ ވަޒަންކުރުން ފަދަ މުހިއްމު މަޢުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވެއެވެ. މި މަޢުލޫމާތު އެއްކުރުމަށް ސްކޫބާ ޑައިވް ކޮށްގެން ސާމްޕަލް ނެގުމާއި ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެތެރެވަރީގެ މާހައުލާއި އެތަނުގައިވާ މައުދަންތަކުގެ އެކުލެވުން ވަޒަންކުރުމަށް ކެމެރާ ބޭނުންކުރެވޭނެއެވެ.

މި ދިރާސާގެ ސަބަބުން ކުރިޔަށްއޮތްތަނުގައި ރާއްޖޭގެ މަސްވެރިކަމާބެހޭ ސިޔާސަތު އެކުލަވާލުމާއި ކަނޑުތަކުގެ ދިރުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، އެފަދަ ކަންކަމުން ކުރިމަތިވާ ނުރައްކާ ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދޭނެއެވެ. އަދި ސިޔާސަތު ކަނޑައެޅުމުގެ ތެރެއިން ތިމާވެށި ހިމާޔަތްކުރުމާއި ކަނޑުރޯދިން ލިބޭ މަންފާ އިތުރުކުރުމަށް ފަސޭހަވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަސީދު

    ފޮޓޯ ރައީސް

  2. މަސީހު

    މީރަޔްޔިތުން ވަރައްގާތުން ބަލަންޖެހޭނެކަމެއްކަމުގައިދެކެން ސަބަބަކީ ރާއްޖޭޖެކަންޑުގެސަރަހައްދުގައި ވަރައްގިނަ ހަޒާނާހުންނާނެކަމައްބުނެ އެވާހަލަތައްބޭރުމީހުންކައިރީ އަބަދުދައްކާބަޔަކު ވެރިކަމުގެއެތެރެކޮއިލުގައި އެބަތިބި ވަރައްފާރަވެރިވާންޖެހޭއެބަ.

  3. އިޤާބު

    ކޮންމެވެސް ނުބައި ސިއްރެއްވާނެ. މިއަދު ޔުނިވަރސިޓީތަކުގައި ރިސާޗްތައް ކުރެވެން ހުއްޓައި އެ ބައިމީހުނާ ނުގުޅި ދިރާސާތައް ކުރަން ބޭރުގެ ބަޔަކާ ހަވާލުކުރީމާ ވާނެގޮތަކީ، މައުމޫނުއިރު ނިލަންދޫ ފޯއްމަތި އާސާރީ ސަރަހައްދު ހާވައިގެން ބޭރު މީހުން ފައްޓާރުބައިތައްފަދަ މުދާތައް ގެންދިޔަފަދައިން މުދާތައް ހުރި ތަންތަން ބަލައި މުދާ ގެންދާނީ. ރާއްޖޭގެ ކަނޑުތަކުގައި އެބަހުރި ފެތިފައި ހުރި ނާތަކުގެ ރަންރިހި ކަންވާރު. އެބަހުރި ކެންސަރުބަލީގެ ވިނަ.