ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ހޫނު މޫސުމުގައިވެސް ބޯފެނަށް ދަތިވެއްޖެ ނަމަ ކައުންސިލްތައް މެދުވެރިކޮށް އެރަށެއްގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ބޯފެން ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އިން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީ އިން މިކަން އާންމުކޮށް ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ބޯފެން ފޯރުކޮށްދޭނީ ފެނަކައިން ކައުންސިލްތަކާއި ގުޅިގެން ކަމަށެވެ. އަދި ފެނަށް އެދޭ އުސޫލާއި ފެން ފޯރުކޮށްދޭ އުސޫލުވެސް މިހާރު އެކުލަވާލެވިފައިވާ ކަމަށް އެމިނިސްޓްރީގެ އިއުލާނުގައި ވަނީ ވިދާޅުވެފައެވެ.

އެންވަޔަރަމެންޓް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނުގައި ވިދާޅުވެފައި ވަނީ، އެރަށެއްގައި ފެން ހުންނަ މިންވަރާއި، ފެން ހުސްވަމުންދާ މިންވަރު ބަލައި މޮނިޓާ ކުރުމަކީ ރަށު ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. އަދި އެމައުލޫމާތު ކޮންމެ ކައުންސިލަކުންވެސް ގަވައިދުން މޮނިޓަރ ކޮށް އީމެއިލްގެ ޒަރިއްޔާއިން އެ މިނިސްޓްރީ އަށް ފޮނުވަން ވާނޭ ކަމަށް އެ އިއުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

އަދި ވާރޭ ވެހޭ ދުވަސްތައް ބަލައި ފެންނަގައި ރައްކާކުރުމަކީވެސް ކައުންސިލްތަކުގެ ޒިންމާއެއް ކަމަށް އެއިއުލާނުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކައުންސިލަށް ފެން ހުސްވެދާނެ ކަމަށް ލަފާކުރެވިއްޖެ ނަމަ، ފެން ހުސްވުމުގެ 14 ދުވަހުގެ ކުރިން އެރަށެއްގައި ހުންނަ ފެނަކަ ބްރާންޗަށް ނުވަތަ ފެނަކަށް ބްރާންޗެއް ނެތްނަމަ ފެނަކަ ހެޑް އޮފީހަށް ފެނަށް އެދޭ ފޯމު ހުށަހަޅަން ޖެހޭ ކަމަށާއި، ފެނަކަ އޮފީހަށް ފޯމު ހުށަހެޅި ނަމަވެސް ފޯމުގެ ކޮޕީއެއް އެމިނިސްޓްރީ އަށް މެއިލްކުރަން ވާނެ ކަމަށް އެއިއުލާނުގައި ވަނީ ވިދާޅުވެފައެވެ.

އަދި ފޯމު ހުށަހެޅިމުގައި އޭގެ ހުރިހައި ބައެއް ފުރިހަމަތޯ ބެލުމަށްވެސް އެންވަޔަރަމެންޓް މިނިސްޓްރީގެ އިއުލާނުގައި ވަނީ ވިދާޅުވެފައެވެ.

އެމިނިސްޓްރީ އިން ވިދާޅުވެފައި ވަނީ ފެން ފޯރުކޮށްދިނުމަކީ ގިނަ މަރުހަލާތަކެއް ކަޑައްތު ކުރަން ޖެހޭ ކަމެއް ކަމުން، މަދުވެގެން 14 ދުވަހުގެ މުހުލަތެއް ނުދޭ ނަމަ އެކަން ކުރުަމަށް ދަތިވާ ކަމަށެވެ.

ކޮންމެ އަހަރަކުވެސް ހޫނު މޫސުމާއި ދިމާކޮށް، ރާއްޖޭގެ ބައެއް ރަށްތައް ފެނަށް ޖެހެއެވެ. އަދި ބައެއް ރަށްތަކަށް ފެންފޯރުކޮށްދޭން ދަތިވާ ފަހަރުވެސް އާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ކޮރަލް

  ބޭނުމީ ޕްލާންޓް އެވެ. ތިޔައީ ބަޔަކު މުއްސަނދި ކޮށްދޭން ކުރާ ކަމެކެވެ.

 2. މޫސާ މަނިކު

  ބަލަ މޮޔަ ނުގޮވާ، ކަލޯމެން ވެރިކަމަށް އައިރުވެސް އެއީ ކުރަމުން އަންނަ ކަމެކޭ.

 3. ހުސޭނުބޭ

  މި ޖެނުއަރީމަހު މި ކަލޭގެ ބޮލަށް ސްނޯފައިބަނީކަން ނޭގެ!

 4. ޒިލޭބި

  ރައްޔިތުން ދެއަތް އުރާލައިގެން ތިބޭ ވިސްނުން މިސަރުކާރުން ދަސްކޮއްދެނީ... ފެން ވެސް ގެޔާއި ހަމައަށް... ފަސޭހަ އޯގާތެރި....