އެސްއޯ ފުލުހުންގެ ދަށުގައި ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް މުޒާހަރާގެ މައިދާނުން ގެންގޮސްފިއެވެ.

މިނިސްޓަރ ޝިދާތާ ވަނީ އެސްއޯ ފުލުހުންގެ ހިމާޔަތުގައި އެ ސަރަހައްދުން ގެންދިޔައީ ފުލުހުންގެ ވެހިކަލެއްގައެވެ.

މުޒާހަރާގެ ބައިވެރިން މެދުނުކެނޑި މިނިސްޓަރުގެ ފަހަތުން ސަރުކާރާއި މިނިސްޓަރުގެ އިސްތިއުފާ އަށް ގޮވާލަމުން ދިޔައިރު އެސްއޯ ފުލުހުން ވަނީ ވަކި ހިސާބަކުން މުޒާހަރާގެ ބައިވެރިން ހުއްޓުވާފައެ. އަދި މިކަން މިނިސްޓަރަށް އެނގިލެއްވީ 10 ވަރަކަށް ފޫޓު ދުރަށް ދެވުނު ފަހުންނެވެ.

އެއާއިއެކު ޝިދާތާ ވިދާޅުވީ މިކުޅެނީ ކުޅިވަރެއްް ނޫން ކަމަށެވެ. އަދި މިނިސްޓަރު ކައިރީ ހުންނެވި ޖެންޑާ މިނިސްޓްރީގެ ބޭފުޅަކު މުޒާހަރާގެ ބައިވެރިން ފުލުހުން ހުއްޓުވިކަން އެކަމަނާ އަށް ދެންނެވުމުން ވިދާޅުވީ "އެހެން ހަދަން ނުވާނެ ކަމަށެވެ"

މުޒާހަރާގެ ތެރެއިން ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިސްތިއުފާ ދެއްވުމަށް ފަހުގައި ރޭޕް ކޭސް އެއް ނުހިނގާނެ ކަމުގެ ޔަގީންކަން އަރުވައިފިނަމަ މަގާމުން ދުރުވާނެ ކަމަށެވެ.

"އަޅުގަނޑު އިސްތިއުފާ ދޭނަން އޭގެ ފަހުން އެއްވެސް ޗައިލްޑް ރޭޕް ކޭސް އެއް ނުހިނގާނެ ކަމުގެ ޔަގީންކަން ދެންޔާ" މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.