ދެކުނުގެ ރަށެއްގައި ދޮން ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ދެ ކުދިން ރޭޕް ކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މިހާރު 14 އަހަރާއި 15 އަހަރުގެ މި ދެކުދިންނަށް ދޮންބައްޕަ ޖިންސީ ގޯނާ ކުރަން ފެށީ އެކުދިންގެ އުމުރުން 11 އަހަރާއި 10 އަހަރުގައެވެ.

މައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ދޮންބައްޕަގެ ފަރާތުން އެކުދިންނަށް އެންމެ ފުރަތަމަ ޖިންސީ އަނިޔާ ލިބެން ފެށީ މީގެ 4 އަހަރު ކުރިން ކަމަށާއި އަދި އެ މައްސަލަ ފުލުހަށް ހުށަހަޅައިފިނަމަ އެ ކުއްޖާގެ މަންމަ ދަން ޖެހިގެން މަރުވާނެ ކަމަށްވެސް ބުނެފައި ވާކަމަށެެވެ.

އެ ކުދިންގެ މަންމަ އަކީ ނުކުޅެދޭ މީހެއް ކަމުގައި ވާއިރު، އެ ގޭ ކައިރީ އުޅޭ އަވަށްޓެރިންނަށް މިކަން އެނގިގެން މި މައްސަލަ ވަނީ މީގެ 4 އަހަރު ކުރިން ފުލުހުންނަށްވެސް ހުށަހަޅާފައެވެ. އަދި ދާދި ފަހުންވެސް މި މައްސަލަ އަލުން ހުށަހަޅާފައިވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

އަވަށްޓެރިންނަށް މިކަން އެނގުނީ އެ ދެ އަންހެން ކުދިން ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭކަން ފާހަގަ ކުރެވިގެން އެކަމާއި ބެހޭ ގޮތުން ސުވާލު ކުރުމުންނެވެ.

މި މައްސަލަ ޖެންޑާ އަށް ހުށަހެޅުމުން އެ ކުދިން ބެލުމުގެ މަސްއޫލިއްޔަތު އެހެން ރަށެއްގައި ދިރިއުޅެމުން އައި ކުދިންގެ މަންމަ ފަރާތު މާމަ އާއި ހަވާލު ކުރި ކަމަށާއި ނަމަވެސް މިހާރު އަނެއްކާވެސް ދޮންބައްޕަ މަންމަ އާއި އެކު އެރަށަށް ދިރިއުޅުން ބަދަލުކޮށް އެ ކުދިންނަށް ޖިންސީ ފުރައްސާރަ ކުރަމުން އަންނަ ކަމަށް އެފަރާތުން މައުލޫމާތު ދިނެވެ.

ދޮން ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު މިހާރު ވަނީ ބަނޑު ވެސް ބޮޑު ވެފައެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، ދެކުނުގެ ރަށެއްގައި ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް މީގެ އެއް މަސް ކުރިން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ އިތުރު މައުލޫމާތު ހޯދަން އެދިފައިވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ބަނޑުބޮޑުވި ކުއްޖާއަށް ދޮން ބައްޕަ ފިޔަވައި އިތުރު މީހެއްގެ ޖިންސީ ގޯނާ ލިބުނު ކަމެއް އަދި އެނގިފައި ނުވާއިރު، ކިޔެވުމަށް މޮޅު އެ ކުއްޖާ މިހާރު ވަނީ ސްކޫލަށް ދިއުންވެސް ހުއްޓާލާފައެވެ.

-ތަފްސީލް އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތުނިޔަ

    ތިޔަ އަވައްޓެރިންނަށް ސެލިއުޓް

    30
  2. އަހުމަދު2020

    އަޅަމެންގެ ޅަދަރީން މިނުބައި މީހުންގެ ކިބައިން ސަލާމަތް ކުރައްވާދޭވެ.

    46
  3. ވަގުތު

    އާންމު ރައްޔިތުންގެ އެއްބާރުލުން މިކަހަލަ ކަންކަމުގައި ވަރަށް ވެސް މުހިންމެވެ. ސުކުރިއްޔާ ރިޕޯޓް ކުރެއްވި ބޭފުޅާއަށް.

    18
    3