އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ އަދިވެސް އޮތީ އިވެލުއޭޝަން މަރުހަލާގައި ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާއާ ގުޅޭ ގޮތުން އޭސީސީ އަށް ހުށަހެޅީ އޭނާ ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެން، އެ ޤައުމުގެ އިންޓީރިއަ މިނިސްޓަރާއި ބައްދަލުކުރެއްވި އިރު ދަރިކަލުން ބައިވެރި ކުރެއްވުމާއި، އެ ދަތުރުގެ ތެރެއިން އަމިއްލަ ކަންކަމަށް ދައުލަތުން ޚަރަދު ކުރި ކަމަށް ބުނާ މައްސަލައެކެވެ. އެ މައްސަލަ އޭސީސީގައި އޮންނަތީ ދެ މަސް ދުވަސްވެއްޖެ އެވެ.

ޕީޕީއެމްއިން އެފަދަ މައްސަލައެއް އޭސީސީއަށް ހުށަހެޅިކަން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އޭސީސީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ އެ މައްސަލަ އޮތީ އިވެލުއޭޝަން މަރުހަލާގައި ކަމަށެވެ.

ޕީޕީއެމްގެ ވަކީލުން ވަނީ މާރިޔާގެ އިތުރުން، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ މައްސަލަތަކެއް ވެސް އޭސީސީއަށް ހުށަހަޅާފައެވެ.

އޭގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް އޭސީސީން ވަނީ ހާމަކޮށްފައެވެ.

ރައީސް ސޯލިހާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ، ދައުލަތުގެ އެއްވެސް ވަސީލަތެއް އެހެން ކަމަކަށް ބޭނުން ނުކުރެވޭނެ ކަމަށް ޤާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައި ވަނިކޮށް، އެމަނިކުފާނު ދައުލަތުގެ ވަސީލަތްތައް ބޭނުންކުރައްވައިގެން، ކެމްޕެއިން ދަތުރުތައް ކުރެއްވި ކަމަށް ބުނެ އެވެ.

އަދި ނަޝީދާ ދެކޮޅަށް ހުށަހެޅި މައްސަލައަކީ، އެމަނިކުފާނު ހުވަދުއަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރެއްވި ކަމަށާއި، އެ ދަތުރުފުޅުގައި މަޖިލިސް މީޑިއާ ބޭނުންކޮށްގެން ކެމްޕެއިން ކުރެއްވި ކަމުގެ ތުހުމަތެވެ.

ނަޝީދުގެ އަމިއްލަ ދަތުރެއް، ރަސްމީ ދަތުރުފުޅެއް ކަމަށް ދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ޕީޕީއެމްއިން ތުހުމަތުކުރެއެވެ.

ޒީރޯ ޓޮލަރެންސްޓު ކޮރަޕްޝަންއަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދު ކަމަށްވީ އިރު، ކޮރަޕްޝަންގެ މައްސަލަތައް ވަގުތުން ވަގުތަށް ނުބެލެންވީ ސަބަބެއް ނެތް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

އެ ކޯލިޝަނުން ވަނީ ސަރުކާރާއި ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރުމަށް އާއްމުންގެ އެހީތެރިކަމަށްވެސް އެދިފައެވެ.

އެގޮތުން އެކި މީހުންގެ އެހީތެރިކަމާ އެކު ސަރުކާރާ ގުޅުން ހުރި ކޮރަޕްޝަންގެ 60 އަށް ވުރެ ގިނަ މައްސަލަ ދެނެގަނެވިފައިވާކަމަށް އެ ދެ ޕާޓީން ބުނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެމްއެމްޕީއާރުސ

    ތި މައްސަލަ ބެލޭނެ ތަނެއް ނެތް

    16
    1
  2. ހިތާމަ

    މެންބަރުންނަށް އަންގާފަ އޮތީ އެކަހަލަ ކަންކަމުގަ ވަގުތު ބޭކާރު ނުކުރުމަށް. ސަމީރުގެ ފޯނުކޯލުގެ ފަހުން. އޭގެފަހުންވެސް އިހަށްދުވަހު ބައްދަލުކޮށްފަވެސް ބުނީ އެކަންކަން ބަހައްޓާފަ ޔާމީނާބެހޭ މައްސަލައެއް އޮތްތޯބަލަން

  3. ހުސޭނުބޭ

    މި ސަރުކާރުގައި އިންސާފު ގާއިމްކުރުމަށް އޭސީސީ އަށް އިވެލިއުއޭޝަން ކިޔާ ދޮންނަ މެޝިނެއް ވައްދާފައި ހުންނާނެ! ބައެއް މީހުންގެ މައްސަލަތައް އެ ބެލުމުގެ ކުރިން އެ ދޮންނަ މެޝިނުން ގަދަޔަށް ދޮވެލާނެ! އެންމެ ފުރަތަމަ އެ ދޮންނަ މެޝިނަށް ލީ މައްސަލައަކީ މައުލޫފް އެމްޕީއާރުސީ ގެ ލާރިގަނޑު ކައްވާލި މައްސަލަ!

  4. ޒީރޯ ޓޮލެރެންސް

    ޒީރޯ ޓޮލެރެންސް ގެ އަސްލު ދިވެހި މާނަ އަކީ މަކާންވީމާ ހަލާލު އެހެން މީހުން ކާންވީމާ ހަރާމް މީ އެމްޑީޕީން އެބުނާ އިންސާފު ސިޔާސީ މީހުނަށް އަސްލު ނުވިސްނެނީ ކަންނޭނގެ އެޖެންޑާ 19 ގަ ހުރި ތަފާތުކަން

  5. ށަހިންދާއިބުރޭ

    ހުސް ވަގން ސަރު ކާރުގެ މަތީ ފަޑީގަ. ދިވެހި ރައްޔިތުން ހޭ އަރުވާލާނެ މިބައިގަޑު. ވާނެ 5ހެތި ވެފަ މިއޮތީ

    11