އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވެ، ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމަށް، އެދި ހުށަހަޅާ ޕެޓިޝަންގައި މީދޫއިން އެކަނިވެސް 1000އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް އެ ޕެޓިޝަން ހުށަހެޅުމުގައި އިސްކޮށް ހަރަކާތްތެރިވާ، ސިޔާދު އަހުމަދު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ސިޔާދު ވިދާޅުވީ މީދޫގެ އިތުރު މީހުން އެ ޕެޓިޝަންގައި ސޮއިކުރި ކަމަށާ އަދި އެ ފޯރމްތައް ނުލިބޭ ކަމަށެވެ.

މިހާތަނަށް ލިބުނު ސޮއިގެ އަދަދު 1000އަށް އަރާއިރު، މާލޭގައި ދިރިއުޅޭ ހުޅުދޫ އަދި މީދޫ މީހުންގެ ތެރެއިން ގިނަ ބަޔަކުވެސް ސޮއިކުރާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

އޭނާ ވިދާޅުވީ ހުޅުދޫއިން، ސޮއިކުރި މީހުންގެ އަދަދު އަދި ސާފު ނުވާ ކަމަށާ، ހުޅުދޫއިން ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ ވަކިން ކަމަށެވެ.

އެ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދަނީ ބްލޮކްތަކަކަށް ބަހާލައިގެންކަމަށްވެސް ސިޔާދު ވިދާޅުވިއެވެ. އެ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ހުޅުދޫގައި ވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށް ސިޔާދުވަނީ ވިދާޅުވެފައެވެ.

އެ މަސައްކަތް ކުރަމުންދަނީ އައްޑޫ ސިޓީގައި އެ ދެ އަވަށް އެކަހެރިކޮށްފައިވާކަމަށް ބުނެ، ޒުވާނުންގެ ބަޔަކު އިސްނަގައިގެންނެވެ.

"އަފިރިންގެ ކައުންސިލް އަފިންނަށް" ނަމުގައި ހުށަހަޅާ އެ ޕެޓިޝަންގައި ސޮއިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ ޕެޓިޝަނުގައި، ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ ދެ ރަށުގައި ރަށު ކައުންސިލެއް އުފައްދަން ކަމަށް ބުނެފައިވެއެވެ.

އަދި އެ ކައުންސިލްތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ލިބޭ ބާރުތަށް ލިބެން ބޭނުންވާކަން ފާހަގަކޮށްފައިވެއެވެ.

މި މަސައްކަތް ކުރަނީ އައްޑޫ ސިޓީގައި އެ ދެ އަވަށް އެކަހެރިކޮށްފައިވާތީ އެ ދެ އަވަށަށް ލިބެން ޖެހޭ ހައްގުތަކުން މަހުރޫމުވާތީ ކަމަށް އެ މަސައްކަތް ކުރާ ފަރާތުން ބުނެއެވެ.

އެގޮތުން އިދާރީ ކަންތައްތައް އަމިއްލާ ނިންމުމުގެ އިޚުތިޔާރު ނެތުމާއި ވަރަށް އާދައިގެ ކަންކަން ނިންމަން އައްޑޫ ސިޓީގެ ހިތަދޫއަށް ދާން ޖެހުމަކީ އެ ދެ އަވަށުގެ ރައްޔިތުން ކަންބޮޑުވާ ކަމެއްކަމަށް އެ ޕެޓިޝަންގެ މަސައްކަތް ކުރާ ފަރާތުން ފާހަގަކުރެއެވެ.

ހުޅުދޫ އާއި މީދޫ އައްޑޫއިން ވަކިވާޏް މަސައްކަތް ކުރުމުން ބައެއް މީހުން ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެހެންނަމަވެސް އެކަމަށް ތާޢީދުކުރާ ބައެއް މީހުންވެސް އެބަ ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. --ފޭދޫ ސިޓީ މީހެއް

  އެ 2 ރަށް އައްޑޫ ސިޓީން ވަކިކޮށް ސިޓީގެ ދަރަޖަ ދިނުމަށް ފަހު އެމީހުންނަށް ހިމާޔަތާއި ރަތްކާތެރި ކަމާއި އެއަރޕޯރޓު ވެސް ވަކިން އަޅާ ދިނުމަށް އެދެމެވެ!

  12
  2
 2. ޖާބިރު ބޭބެ

  އެމީހުން ބޭނުންވަނީ އަހަރަމެންނާއި ވަކިވެ ފުވައްމަލަކު ސިޓީ ގެ ބައެއް ގޮތުގައި ދެ ރަތް ހިމަނަން!

 3. ގމރ

  ބައެއްމީހުން ބުނާގޮތުގައި އެދެރަށް ވަކިކޮށްފިއްޔާ އަތޮޅު ކައުންސިލް ހަދަން ޖެހޭނެ. ޢަތޮޅުކައުންސިލް ހުންނާނީ ވެރިކަން ކުރާ ރަށުގަ. ހިތަދޫގަ. އަނެއްކާވެސް ހުޅުމީދޫގެ ބެލެނިވެރިކަން ހިތަދޫއަށް ދާނެ. މާނައަކީ ވަކިވިޔަސް ނުވިޔަސް ހުޅުމީދޫ އަށް މިނިވަން ވެވޭކަށް ނެތޭ. ޢަޅުގަނޑު އެދެނީ ވަގުތުނޫހުން ރަނގަޅު ދިރާސާއަކަށް ފަހު މިކަން އޮތްގޮތް ގެނެސް ދިނުން. ޥަރަށް ގިނަ މީހުން ތިބީ ވާނުވާގަ