ދިޔަވަރު ބޮޑުވާ ގަޑިތަކުގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތުދިން އެ އިދާރާގެ އޮފިޝަލަކު ވިދާޅުވީ އުދަ އަރާނެ ވަކި ހިސާބެއް ފާހަގަކުރެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް ދިޔަވަރު ބޮޑޫވާ ގަޑީގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދަ އެރުމުގެ ފުރުސަތު އޮތުމާއި އެކު އެ ކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޢީލްތިމާސްކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސުން ގޯސްވެ، ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް އާއްމުން ސަމާލުވުމަށް އެ އިދާރާއިން އެދިލައްވައެވެ.

ޚާއްސަކޮށް ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން ދަތުރު ކުރުމުގައި އެންމެ ފަހުގެ މޫސުމާއި ބެހޭ މައުލޫމާތު ހޯއްދެވުމާއި، ރައްކާތެރިކަމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެއްކަން އެ އިދާރާއިން ފާހަގަކުރައްވައެވެ.

މޫސުމާއި ބެހޭ އިދާރާއިން މިހެން ވިދާޅުވެފައިވާއިރު، ރ.އަތޮޅުގެ ބައެއް ރަށްތަކަށް ވަނީ އުދައިގެ އަސަރު އިއްޔެ އާއި ރޭ ވެސް ކޮށްފައެވެ.

އެގޮތުން، ރ. އިނގުރައިދޫ އާއީ ކިނޮޅަހަށް އުދަ އެރުމުގެ ސަބަބުން އެ ދެ ރަށަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.

ކިނޮޅަހަށް މިހާރުވެސް އުދަ އެރުމުގެ މައްސަލަ ކުރިމަތިވަމުން ދާއިރު، އެ ރަށުގެ ބަނދަރަށް ވަނީ އުދައެރުމުގެ ސަބަބުން ގެއްލުންތަކެއް ލބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަޝީރުބެ

    އުދައަރާ ހާދިސާތައް ހިނގަނީއެވެ. ޤައުމު އޮތް ޙާލަތުން ކަރުނަ އޮހޮރުވެނީއެވެ. ސިޔާސީމީހުން އެކަކުއަނެކަހާ ޒާތީވެ ހިތުހުރި ދޮގުތައް ހަދަނީއެވެ. ރިސޯޓްތަކުގައި އުޅޭ ބައެއް ދިވެހި މުވައްޒަފުން ނޭޕާލްކުދިންނާ އިންޑިނޭޝިޔާ ސްޕާރތަކުގެ ކުދިން ގޮވައިގެން ރަށްރަށަށް ރޭގަނޑުގޮސް މަޖާ ނަގަނީއެވެ. މިކަންކަން މޮނިޓަރ ކުރާނެ ބަޔަކު ރިސޯޓޠްތަކުގައި ނުހުރެއެވެ. ބަދުއަޚްލާޤީ ފާޙިޝް ޢަމަލުތައް ގިނަވެ ޤައުމުވަނީ ނުރައްކާތެރި ފައްތަރެއްގައެވެ. ކުޑަކުދިން ރޭޕްކުރަނީއެވެ. ޖެހިލުމެއްނެތި މީހުންމަރަނީއެވެ. ބޯފެންބޯހެން ރޯމާދުވާލު ފާޅުގައި ރާބޮމުން މަސްތުވާތަކެތި ބޮމުން ގެންދަނީއެވެ. ރިބާއާއި ރިސްވަތަކީ ކޮންމެހެން އޮންނަން ޖެހޭ ދޭތިކަމު ދެކޭ މީހުން ގިނަވަނީއެވެ. އޭ ދިވެހިންނޭވެ. ފަހުޒަމާނުގެ ގިނަ އަލާމާތްތައް ފާޅުވަމުންދާއިރު އަހަރެމެން މިކުޑަ ޤައުމު ސަލާމްތަކުރަން ބޭނުްމިއްޔާ މާތްﷲ އަށް އީމާންވެ ދީންމަތީގައި ސާބިތުބެ ވިޔާނުދާ ޢަމަލުތައް ހުއްޓާލައި ގިނަގިނައިން ދުޢާކުރުންމަތީ ދެމިތިބެމާތޯއެވެ.

    8
    1