ކެނެޑާއިން ވެސް ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު ފެނިއްޖެކަން އެގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ކަށަވަރު ކޮށްދީފިއެވެ.

ކެނެޑާއިން ބުނީ ކޮރޯނާވައިރަސް ފެނިފައި ވަނީ މިދިޔަ ހަފްތާގައި ޗައިނާގެ ވުހާން އިން ޓޮރޮންޓޯއަށް އައި މީހެއްގެ ގައިން ކަމަށެވެ.

ކެނެޑާގެ ސިއްހަތާއި ބެހޭ އޮފިޝަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އޭނާ ޓޮރޮންޓޯއަށް އައީ ޖަނުއަރީ 22 ވަނަ ދުވަހު ކަމަށާއި ޖެހިގެން އައިދުވަހު އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފެށީ ކޮރޯނާވައިރަސްގެ އަލާމާތްތައް ފެނިގެން ކަމަށެވެ.

އޭނާ އަށް ކޮރޯނާވައިރަސް ޖެހިފައިވާކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށާއި އޭނާގެ ހާލަތު ސްޓޭބަލް ކަމަށް ވެސް އޮފިޝަލުން ވިދާޅުވެއެވެ.

ކޮރޯނާވައިރަސް އަށް ޕޮޒިޓިވް ވެފައި ވަނީ 50 ގެ އަހަރުތައް ގުނަމުންދާ ފިރިހެނެކެވެ.

ކެނެޑާއިން ބުނާ ގޮތުގައި ކޮރޯނާވައިރަސް ކެނެޑާއިން ފެނުނު ނަމަވެސް އެގައުމުގެ އާއްމު ރައްޔިތުންނަށް އަދި ބަލީގެ ނުރައްކަލެއް ނެތެވެ. އެހެންކަމުން ސިއްހީ ގޮތުން ވަކި ހާއްސަ ފިޔަވަޅުތަކެއް އަޅަން އަދި އާއްމުންނަށް އެންގުމުގެ ވިސްނުމެއް ނެތް ކަމަށް ސިއްހަތާއި ބެހޭ އޮފިޝަލުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު