ހަސަން ސައީދު ދައުވާއަށް އިންކާރު ކުރައްވައިފި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއަށް އޭނާ އިންކާރުކޮށްފި އެވެ.

މި ދައުވާގެ މިއަދު ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ހަސަން ސައީދު ދައުވާއަށް އިންކާރު ކުރައްވާފައިވާއިރު އެ ދައުވާއަށް އިންކާރު ކުރާ މައިގަނޑު ސަބަބަކީ މައްސަލަ ސާފުނުވާތީ އާއި ދޮގު މައުލޫމާތު ހިމެނޭތީ ކަމަށް ހަސަން ސައީދު ވިދާޅުވިއެވެ.

އަދި މި އަޑުއެހުމަށް ހަސަން ސައީދުގެ ފަރާތުން ވަނީ ހަ ވަކީލަކު ކޯޓަށް ވަޑައިގަންފަ އެވެ. ނަމަވެސް ދިފާއީ ވަކީލުންގެ ތެރެއިން ޝަރީއަތުގައި ވާހަކަފުޅު ދެއްކެވޭނީ ދެ ވަކީލުންނަށް ކަމަށް ގާޒީ އަލީ އާދަމް ނިންމަވާފައި އެވެ.

އެގޮތުން ވަކީލުންގެ މެދުގައި މަޝްވަރާކުރުމަށްފަހު، ނިންމީ ޝަރީއަތުގެ މަޖިލީހުގައި ހިސާން ހުސެއިން އާއި ނޫރުއްސަލާމް އަބޫބަކުރު ވާހަކަފުޅު ދެއްކެވުމަށެވެ.

މި މައްސަލައިގެ ދައުވާ އިއްވެވުމުން ދިފާއީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ދައުވާއާއި ގުޅޭ ގިނަ ލިޔެކިޔުންތަކެއް މަދު ކަމަށާއި އެ ލިޔެކިޔުންތައް ހޯދައިދިނުމަށް އެދޭ ކަމަށެވެ.

ނަމަވެސް ޕީޖީގެ ވަކީލު ވިދާޅުވީ ދައުވާ ފޯމްގައި ބައެއް ލިޔެކިޔުންތައް ހިމަނާފައި ނުވާނީ ހެކިންގެ ޕާސަނަލް މައުލޫމާތު ކަމަށާއި އެ ލިޔެކިޔުންތަކަކީ އެއްވެސް އިރެއްގައި ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ.

ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ ދިފާއީ ވަކީލު ވިދާޅުވީ ލިޔެކިޔުންތައް ސިއްރުކުރުމަށް ކޯޓުއަމުރެއް ނުނެރި އެއްވެސް ލިޔުމެއް ސިއްރު ނުރުރެވޭނެ ކަމަށާއި މިކަމަށް ވަގުތީ އަމުރެއް ނުނެރެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

އަދި އެގޮތަށް ވިދާޅުވުމުން ގާޒީ ވަނީ ދައުލަތުން ސިއްރުކުރުމަށް އެދިފައިވާ ލިޔުންތައް ސިއްރުކުރުމަށް ވަގުތީ އަމުރެއް ނެރެދެއްވާފައި އެވެ.

އޭގެ އިތުރުން ދިފާއީ ވަކީލު ވިދާޅުވީ ހަސަން ސައީދު ހޯދަން އުޅޭކަމުގެ ޗިޓް ފޮނުވާފައި ނުވާކަމަށާއި އޭނާ ހައްޔަރުކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރެފައިވީ ނަމަވެސް އެ އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާތީ އެކަމަށް ތަބާވާން ނުޖެހޭ ކަމަށެވެ.

އެކަމުގެ ރައްދުގައި ޕީޖީގެ ވަކީލު ވިދާޅުވީ ހަސަން ސައިދުއަށް ޗިޓް ހަވާލުކުރުމަށް އޭނާގެ ގެއަށް ފުލުހުން ފޮނުވި ކަމަށާއި ނަމަވެސް ހަސަން ސައީދު އޭރު އެ ގޭގައި ނޫޅުއްވާ ކަމަށެވެ. އޭގެފަހުން އޭނާ ހޯދުމަށް ވެސް ފުލުހުން އިއުލާންކުރި ނަމަވެސް ފުލުހަށް ހާޒިރުވެފައެއް ނުވާކަމަށް ވިދާޅުވިއެވެ.

އަދި އެ ދައުވާއަށް އިއުތިރާފު ވުމަށް ނުވަތަ ދެކޮޅު ހެއްދެވުމަށް ފުރުސަތު ދެއްވުމުން ދެ ފަރާތުގެ މެދުގައި ބޮޑު ބަހުސެއް އުފެދުމުން ގާޒީ ވިދާޅުވީ ދައުވާއާ އިބްތިދާއީ އަޑުއެހުމަކީ ދައުވާ އިއްވައި ދައުވާއަށް އިންކާރު ނުވަތަ އެއްބަސްވާކަން ހާމަކުރުމަށް ބާއްވާ އަޑުއެހުމެއް ކަމަށާއި އޭގެ ފަހުން އިތުރު ކަންތައްތަކަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ކަންކަން ހުށަހެޅުމެވެ. އަދި ހުށަހެޅުންތައް ތައްޔާރުކުރުމަށް ދިފާއީ ވަކީލުން އެދިވަޑައިގަތް ގޮތަށް ވަނީ 15 ދުވަހުގެ އިތުރުން މާފުށީ ޖަލުގައި ހުންނެވުމުން މިހާރު ވަކީލުންނަށް ދެއްވާ ވަގުތުތައްވުރެ ގިނަ ވަގުތު ދެއްވުމަށް އެދިފައި އެވެ. އެގޮތުންމިހާރު ވަކީލުންނަށް ދެއްވާ ވަގުތުތައްވުރެ ދެގުނަ ވަގުތު ދެއްވުމަށް ކޯޓުން އަންގާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އަދި މިމައްސަލައިގެ އަޑު އެހުމެއް ދެން ބޭއްވޭނީ އަންނަމަހުގެ 23 ވަނަ ދުވަހުގެ 11:00 ގައި ކަމަށް ގާޒީ ވަނީ ނިންމަވާފައި އެވެ.