ކޮމަންވެލްތުން ވަކިވެފައި އޮތުމަށްފަހު މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖެ އަލުން އެޖަމިއްޔާ އާއި ގުޅުމާއި ގުޅިގެން، ކޮމަންވެލްތުގެ ޕާލަމެންޓްރީ އެސޯސިއޭޝަނުގައި ބައިވެރިވުމަށް ގަރާރެއް ހުށަހަޅައިފިއެވެ.

ކޮމަންވެލްތުގެ ޕާލަމެންޓްރީ އެސޯސިއޭޝަނުގައި ބައިވެރިވުމާއި ގުޅޭ ގަރާރު ހުށަހަޅުއްވާފައި ވަނީ މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.

އާޒިމް ހުށަހެޅުއްވެވި ގަރާރުގައި ވިދާޅުވެފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިވެހި ރާއްޖެއަކީ ކޮމަންވެލްތުގެ 54 ވަނަ މެންބަރުގެ ގޮތުގައި ބަލައިގަތުމަށް ނިންމުމާއި ގުޅިގެން، އެޖަމިއްޔާގެ ގާނޫނު ހަދާ މަޖިލިސްތަކާއި ގުުޅުމަށް ނިންމުމަކީ ރާއްޖެއަށާއި ރައްޔިތުންގެ މަޖިލީހަށް ނުހަނު ފައިދާވާނެ ކަމެއް ކަމަށެވެ. އަދި ޕާލަމެންޓް އެސޯސިއޭޝަނާއި ރާއްޖެ އަލުން ގުޅުމުން ރާއްޖެއަކީ، ބައިނަލްއަގުވާމީ މުއާހަދާތަކުގެ މެދުގައި ދެކެފަރިތަ ގައުމަކަށް ވުމަށްވެސް އެހީތެރިކަން ލިބޭނެ ކަމަށް އެގަރާރުގައި ވެއެވެ.

އަދި އެ އެސޯސިއޭޝަނާ ގުޅިއްޖެ ނަމަ ކޮމަންވެލްތުގެ އެކި ގައުމުތަކުގެ މެދުގައިވާ ތަފާތު ކަންކަން ދެކެ، އުނގެނުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އެގަރާރުގައި ވަނީ ވިދާޅުވެފައެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 241 ވަނަ މާއްދާގައި މި މަޖިލީހުން ބައިނަލްއަގުވާމީ ޖަމިއްޔާ ތަކާއި، ގާނޫނު ހަދާ މަޖިލިސްތަކުގައާއި، އެމަޖިލީސްތަކުގައި ގާއިމްކޮށްފައިވާ ފްރެންޑްޝިޕް ގްރޫޕްތަކާއި ގުޅުން ގާއިމްކޮށް ދެމެހައްޓަން ވާނޭ ކަމަށް ބަޔާންކޮށްފައި ވީހިނދު، މި އުފެދުނު އާގުޅުމުގައި ދިވެހި ރާއްޖެ ހިންގުމުގެ ދާއިރާގެ ހުރިހާ ފަރާތަކުންވެސް ހެޔޮގޮތުގައި ބައިވެރިވެ، ގައުމުގެ ކުރިއެރުމަށްޓަކާ ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރުުމުގެ ހެޔޮ ނިޔަތުގައި ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ކޮމަން ވެލްތުގެ ޕާލަމެންޓްރީ އެސޯސިއޭޝަން ގައި ބައިވެރިވުމަށް މި މަޖިލީހުގައި އެކަށައަޅައިފީމެވެ" އެގަރާރުގައި ވަނީ ވިދާޅުވެފައެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވެފައި ވަނީ 2016 ވަނަ އަހަރުގެ ތެރޭގައި، ގައުމުގެ ދާހިލީ ކަންކަމަށް ކޮމަންވެލްތުން "އަތްބާނަން" އުޅޭކަމަށް ބުނެއެވެ. ކޮމަންވެލްތުން އެއަހަރު ރާއްޖެ ވަކިވިއިރު އެޖަމިއްޔާގައި ރާއްޖެ އޮންނަތާ ވަނީ 34 އަހަރު ފުރިފައެވެ.

ކޮމަންވެލްތާއި ރާއްޖެ ގުޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެ ޖަމިއްޔާ އާއި ރައްޖެ ގުޅުވުމުގެ މަސައްކަތް ރައީސް ސޯލިހް ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ދެވަނަދުވަހު ކުރުމަށް ފައްޓަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިހަވަންދޫ ރައްޔިތެއް

    އެޖެންޑާ19 ގެ ދަށުން ތިޔާކަންވާނެ. އެއްޖިންސުން ކައިވެނިވެސް ހުއްދަކުރާނެ. މިއޮތީ ވާކަމެއް. ﷲނުރުއްސަވާ ކަންތައް މާތްކަމެއްކަމަށް ދެކިގެން އުޅޭމީހުން ހަލާކުކުރައްވާށި. އާމީން