ނ. ހޮޅުދު އަށް ރޭ ވަރަށް ބޮޑަށް އުދަ އަރައި ގެއްލުންތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ ހޮޅުދު އަށް އުދަ އަރައި ރަށު ތެރޭގައި ލޮނުގަނޑު ބޮޑުވެ، ގޭގެއަށް ލޮނު ވަންނަމުންދާތީ ހޮޅުދޫގައި ތިބި ފުލުހުންނާއި ރަށުގެ ރައްޔިތުން ނިކުމެ، ގެތައް ކައިރީގައި ވެލި ބަސްތާ ޖަހާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ހޮޅުދު އަށް އުދަ އަރަން ފެށީ އަންގާރަ ދުވަހުގެރޭ ދަންވަރު 12 ޖަހާކަން ހާއިރެވެ. އެގޮތުން ގިނަ ގެތަކަށް ލޮނުގަނޑު ވަދެ، ހިފާ ގެންގުޅޭ ސާމާނުތައް ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށްވެއެވެ.

އެކަމަކު، ގެއްލުން ލިބުނީ ކިހާ އަދަދެއްގެ ގެތަކަކަށް ކަމެއް އަދި ސާފެއް ނުވެއެވެ. އެ ރަށު ކައުންސިލްގެ ބަހެއް އަދި ނުލިބެއެވެ.

ހޮޅުދު އަށް އުދައަރާ ގެއްލުން ލިބުނު އިރު، ބ. ކުޑަރިކިއްޔަށް އުދައިގެ އަސަރުކޮށް، އެ ރަށުގެ ބޮޑު ސަރަހައްދެއް ވަނީ ގިރައިފައެވެ.

މޫސުމާ ބެހޭ އިދާރާ އިން އިއްޔެ ވަނީ ރާއްޖޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކޮށްފައެވެ.