ދުނިޔޭގައި ފެތުރެމުން އަންނަ ގައިން ގަޔަށް އަރާ ބަލިތަކުގެ ސަބަބަކީ ކާބޯތަކެއްޗާ މެދުގައި ފަރުވާތެރި ނުވުން ކަމަށާއި އެ ތަކެތި ބޭނުން ކުރުމުގައި ރައްކާތެރިވާން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން ސްޓޭކް ހޯލްޑަރުންނަށް އަމާޒުކޮށް ޝީ ބިލްޑިންގައި ފެށި މަސައްކަތު ބައްދަލުވުމުގައި އަމީން ވިދާޅުވީ ރާއްޖެއަކީ 90 ޕަސަންޓު ކާބޯތަކެތި އިމްޕޯޓު ކުރާ ގައުމެއް ކަމުން އެ ތަކެތި ބޭނުން ކުރުމުގައި ރައްކާތެރިވާން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ކާބޯތަކެތި ބޭނުން ކުރުމުގެ ހަމަތަކާ މެދު ކުރިއަށް ވުރެ ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ގައިން ގަޔަށް އަރާ ބަލިތަކަށް އިންސާނުން ހުށަހެޅޭ ސަބަބަކީ ކާބޯތަކެއްޗާ މެދު ގައި ސަމާލުކަން ދޭން ޖެހޭ ވަރަށް ނުދެވުމެވެ.

އަދި މި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަމާއި ބެހޭގޮތުން ކަމާއި ބެހޭ މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާއި މެދު ވާހަކަ ދައްކާ ރަނގަޅު ގޮތަތަކެއް ނިންމުން ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

"މިއަދު މި ކުރެވޭ މަސައްކަތަކީ ކުރިއަށް އޮތް ދުރު މުސްތަގުބަލަށް އަޅުގަނޑުމެން އަޅާ ވަރަށް މުހިއްމު ފިޔަވަޅެއް ފެށުން،" އަމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަމާލުވޭ

    ސްކޫލް ދަރިވަރުންނަށް ދޭ އިންޓަވަލް ގައި އެއް ވެސްވަރެއްގެ ރަށް ކާތެރިކަމެއްނެތް ބެލެނިވެރިން ސަމާލު ވެލެއްވުންއެދެން އެއީ މިނުކުޅެދޭ ސަރުކާރު ގެއެންމެބޮޑު ވަޢުދު މިސަރުކާރުގެ ނުކުޅެދުން ތެރިކަން ހުރިމިންވަރަކީ ކިތަމެ ކުޑަކުޑަ ބައްޔެއް ޖެހުނަސް މަރުވުން ނޫންގޮތެއްނެއްކަން ހުރިހިތާމައެއްގެ ބޮޑުކަމާއޭ ޔާﷲ ލާދީނީބަގަނޑުގެ މިއަނިޔާވެރިކަން އަވަސްވީގޮތަކުން ނިންމަވާދެއް ވާށި އާމީން