ރައްޔިތުންގެ މަޖިލިހުގެ ދާއިމީ ކޮމިޓީތަކަށް ގެނައި ބަދަލުތަކުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ބަދަލުތައް ފާސްކުރީ މިއަދު މަޖިލީހުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.

ދާއިމީ ކޮމިޓީތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ޖެހުނީ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސެއިން މުހައްމަދު ލަތީފް، ޕީޕީއެމަށް ސޮއިކުރެއްވުމާ ގުޅިގެންނެވެ.

މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު ގެންނަން ނިންމާފައިވާ ގޮތަށް ބަލާއިރު، ގަވާއިދު ކޮމިޓީގައި ޕީޕީއެމް މެމްބަރެއްގެ ގޮތުގައި އިންނަވާނީ މަހިބަދޫ ދާއިރގެ މެމްބަރު އަހުމަދު ތޯރިގެވެ. އަދި އިޖްތިމާއީ ކޮމިޓީގައި ޕީޕީއެމް މެމްބަރެއްގެ ގޮތުގައި އިންނަވާނީ ހުސެއިން މުހައްމަދު ލަތީފެވެ.

އަދި އަމިއްލަ މެމްބަރުން ހިމެނޭ ކޮމިޓީތަކަށް ގެނައި ބަދަލުތަކަށް ބަލާއިރު، މާލިއްޔަތު ކޮމިޓީއަށް އައްޔަން ކުރާނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ. އެހެންވެ، ޖާބިރު މާލިއްޔަތު ކޮމިޓީގެ އިތުރުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އާއި ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ތަމްސީލް ކުރައްވާނެއެވެ.

އަމިއްލަ މެމްބަރުންގެ ތެރެއިން، އެސްއޯއީ ކޮމިޓީއަށް ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އަދި ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އައްޔަން ކުރަން ވެސް ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު