ޤައުމީ ޤުރުއާން މުބާރާތުގައި 18 އަހަރުން މަތީގެ މީހުނަށް އެކަނި ބައިވެރިވެވޭގޮތް ހެދުމަކީ ގިނަ ހުނަރުވެރި ކުދިން މުބާރާތުން މަޙްރޫމް ވެގެންދާނެ ކަމެއްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޤައުމީ ޤުރުއާން މުބާރާތުގެ ބައިވެރިންގެ އަދަދު މަދު ކުރަން ބޭނުންނަމަ ވަކި އުމުރެއް ކަނޑައެޅުމެއް ނެތި، ވަކިފެންވަރަކަށް މޮޅަށް ކިޔަވާ ކުދިންނަށް ބައިވެރިވެވޭންގޮތް ހެދިދާނެ ކަމަށާއި 18 އަހަރުން މަތީގެ މީހުނަށް މުބާރާތް ޚާއްސަ ކުރުމަކީ އެކަމަށް އޮތް އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

އަންނަ އޯގަސްޓް މަހުގެ ތެރޭގައި މިއަހަރުގެ ޤައުމީ ޤަުރުއާން މުބާރާތް ބޭއްވުމަށް ތާވަލްކޮށްފައިވާއިރު، އެމުބާރާތް އިންތިޒާމްކުރާ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން ވަނީ އެ މުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކަމަށް ހަމަޖައްސާފައެވެ.
ޝަހީމް މިއަދު ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އެންމެ ރީތިކޮށް ޤުރުއާން ކިޔަވަނީ 18 އަހަރުން ދަށުގެ ކުދިން ކަމަށާއި އެކުދިންނަށް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު އޮންނަން ޖެހޭކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

އަންނަ ޖުލައި މަހުގެ ނިޔަލަށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މަރުކަޒަށް ހުށަހަޅަންޖެހޭއިރު، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު (26 އޭޕްރިލް 2018) އިން ފެށިގެން އެ ފޯމް މަރުކަޒުންނާއި މަރުކަޒުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ.