ގާނޫން ތަންފީޒު ކުރުމުގައި ރައީސް ޔާމީން ވަކި ފަރާތަކަށް ނުބައްލަވާނެ ކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެން އިން ބުނެފިއެވެ.

ރައީސް ޔާމީން ރައީސް މައުމޫނަށް ދެއްވާފައިވަނީ ފެނުކައްކާ ބޮލީގެ އިއްޒަތަށްވުރެވެސް ދަށު ދަރަޖައެއް ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލްއުސްތާޒު އަލީ ހުސައިން ވިދާޅުވުމާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތުދެއްވަމުން ޕީޕީއެމްގެ ގެމަނަފުށީ ދާއީރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ އިދިކޮޅު ފަރާތް ތަކުން ރައީސް ޔާމީން އާއި ރައީސް މައުމޫން ގުޅުވައިގެން ވާހަކަ ދައްކަވަނީ ހަމަނުޖެހުން އުފައްދައި ފިތުނަ އުފައްދަން ކަމަށެވެ.

" އިދިކޮޅު ފަރާތް ތަކުން އަބަދުވެސް ބަލާނީ ޕާޓީ ތެރޭގައި ހަމަނުޖެހުން އުފައްދަން. އެމޭރުމުން އެބޭފުޅުން ކަންތައް ކުރަނީ ވެސް. އެބޭފުޅުންގެ މަގުސަދަކީ ވެސް ޕާޓީ ރުޅާލެވޭނެ ގޮތް ތަކެއް ހޯދުން " ޖަމީލް އުސްމާން ވިދާޅުވިއެވެ.

ޖަމީލް އުސްމާން ވިދާޅުވީ ރައީސް ޔާމީން މައުމޫން އަށް ދެރަގޮތެެއް ނަހައްދައްވާނެ ކަމަށާއި އެހެން ނަމަވެސް ރައީސް މައުމޫނު ގާނޫނާއި ހިލާފު ކަމެއް ކުރައްވާފައި އޮތް ކަމުގައިވަނީ ނަމަ ފުލުހުން އެކަން ބައްލަވާނެ ކަމަށެވެ.

" އާއިލާ މީހެއް ކަމުގައި ވިޔަސް އަދި އެއްބަނޑު އެއްބަފާ މީހެއް ކަމުގައި ވިޔަސް ގާނޫން ތަންފީޒު ކުރުމުގައި ރައީސް ޔާމީން ވަކި ފަރާތަކަށް ނުބައްލަވާނެ " ޖަމީލް އުސްމާނު ވިދާޅުވިއެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުމާއި ނިރުބަވެރި ކަމުގެ ދައުވާއާއި ރިޝްވަތު ދިނުމުގެ ދައުވާވެސް އުފުލާފައިވެއެވެ.

ދާދި ފަހުން ފުލުހުންގެ ފަރާތުން އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އަދީބް ނައިބު ރައީސް ކަމަށް އައްޔަންކުރުމާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިސަރުކާރު ބަދަލުކުރުމަށް ތަފާތު އެކި ގޮތްގޮތަށް ގާނޫނާ ހިލާފަށް މަސައްކަތް ކުރައްވާފައިވާ ކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މިމަސައްކަތް ކުރުމަށްޓަަކައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވުމުގެ ގޮތުން ތަފާތު އަދަދުތަކުން ފައިސާދީ އިދިކޮޅު ފަރާތްތަކާ ގުޅުމަށް ދައުވަތު ދެއްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޭއަލީ

    ބަލާނެ ނުބަލާނަމަ މމޕރސ ގެ މައްސަލާގަ ޔާމީނުވެސް ހުރީހީ ޖަލުގަ

  2. ައާބި

    ތީ ވަރައް ބޮޑު ތެދެއް ، ރިޝަވަތުގެ ފައިސާ ގޯންޏަކަށް އަޅައިގެ ކޮނޑަށް ލައިގެން މަޖިލީސް މެމްބަރުންނަށް ރިޝްވަތު ބަހަމުން ދުވިކަމަޝާ މެމްބަރުން ރިޝްވަތު ހިފިކަމަށް ފާޅިގައި އިއުލާން ކުރި މަޖިސ މެމްބަރަކު އަދިވެސް އިއްޒަތުގަ ބަހައްޓާފަ އެހުރީ ރައީސް ޔާމީނަށް އޭނަ ތާއީދު ކުރާތީވެ. މީ އަދުލު އިންސާފު ހުރި މިންވަރަކީ މިއަދު
    އެހެން ވީމަ ތަފާތެއް ހަމަ އެއްގޮތަކަށވެސް ނުކުރާކަމުގެ ދހިރިހުރި ހެކި މިހުރީ ފެންނަން

  3. އެެއްމެން

    ސުރުޚީގައި އެބުނަނީ ރަނގަޅު ވާހަކައެއް ކަމަށްވަންޏާ، މިގައުމު ފަތުއަޑު ގޮޥާފަ ކުރިއަރާނެ.