ހދ. އަތޮޅުގައި ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ގުރުއާން މުބާރާތް މިފަހަރު އެ އަތޮޅު ނޮޅިވަރަމުގައި ބޭއްވުމަށް ހދ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

ކައުންސިލް އިން ބުނީ ގުރުއާން މުބާރާތް ބާއްވާނެ ރަށެއް ހޯދުމަށް ކައުންސިލް އިން ހުޅުވާލި ފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކުރީ ނޮޅިވަރަމުން އެކަނި ކަމަށެވެ.

އަތޮޅު ގުރުއާން މުބާރާތަކީ އަތޮޅު ކައުންސިލްތަކުގެ މެދުގައި ވަރަށް ފޯރި އާއި ވާދަވެރިކަމާއެކު ކުރިއަށް ގެންދާ މުބާރާތެކެވެ.

އެގޮތުން މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 16 އިން 18 އަށް ކަމަށް އަތޮޅު ކައުންސިލް އިން ބުންޏެވެ. އަދި މި މުބާރާތުގައި ގިނަ ރަށްތަކުން ބައިވެރިވާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

މިދިޔަ އަހަރު މި މުބާރާތް ބޭއްވީ އެ އަތޮޅުގެ ނެއްލައިދޫގައެވެ. ނެއްލާދޫއަކީ މި މުބާރާތް އެންމެ ގިނައިން ބާއްވާ އެއް ރަށެވެ.

މިއީ މިފަދަ ގުރުއާން މުބާރާތެއް ނޮޅިވަރަމުގައި ބާއްވާ ފުރަތަމަ ފަހަރެވެ.