ހދ. ނޮޅިވަރަމްގައި ފުޓްބޯޅަ ދަނޑު އެޅުމުގައި ކުރިއަށް ދާނެ މަގެއް އަދި ފެނިވަޑައިނުގަންނަވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

ނޮޅިވަރަމްގައި ފުޓްބޯޅަ ދަނޑު އެޅުމަށް ގެނެސްފައި ހުރި ޓާފްތަކުގައި ދެ ފަހަރެއްގެ މަތިން ވަނީ ރޯކޮށްލައިފައެވެ. ޓާފްގައި ރޯކޮށްލުމުން ބޮޑު ބައެއް އަނދައި އަޅިއަށް ވަނީ ވެފައެވެ. ޓާފްތަކުގައި ރޯކޮށްލާފައި ވަނީ ދަނޑު އެޅުމުގެ އަމަލީ މަސައްކަތް ފަށަން ދެ ތިން ދުވަހަށް ވެފައި ވަނިކޮށެވެ.

ނޮޅިވަރަމް ދަނޑު ހެދުމަށް ގެނައި ޓާފްތަކުގައި އަނެއްކާ ވެސް ރޯކޮށްލައިފި

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކުރެއްވި ސުވާލެއްގެ ޖަވާބުގައި މަހްލޫފް ވިދާޅުވީ ކޮންމެ ބަޔަކު ކުރި ކަމުގައި ވިޔަސް، ޓާފްތަކުގައި ރޯކޮށްލުމަކީ ވަރަށް ގޯސްކޮށް ކޮށްފައި އޮތް ކަމެއް ކަމަށެވެ. އަދި އެއީ އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަން ކުރި ސަބަބެއް އަޅުގަނޑަކަށް އެއްވެސް ގޮތަކަށް ނުވިސްނޭ. އަދި ސީދާ އެކަމުގައި ކުރިއަށް ދާނެ މަގެއް އަޅުގަނޑަށް އަދި ނުފެނޭ،" މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ މިކަމުގައި މެމްބަރު ނަޝީދު އާ މަޝްވަރާ ކުރައްވައި މިކަމުގައި ކުރިއަށް ދެވޭނެ ގޮތެއް ބައްލަވާނެ ކަމަށެވެ.

ހދ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން ދެވަނަ އަށް އެންމެ އާބާދީ ބޮޑު ރަށަކީ ނޮޅިވަރަމެވެ. ދެހާސް އަށްސަތޭކަ މީހުންގެ އާބާދީއެއް ނޮޅިވަރަމުގައި އޮތަސް، އެ ރަށު ރައްޔިތުން ކުޅެލާނެ ފުޓްބޯޅަ ދަނޑެއް ނެތުމުން ޒުވާނުން ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

ނޮޅިވަރަމްގެ އާދޭސް: ހެޔޮ ނުވާނެ، ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް އަޅައިދީ!

އެ ރަށު މީހުން ބުނާ ގޮތުން ނަމަ، ރަށުގައި ފުޓްބޯޅަ ދަނޑުގައި ނުކުޅެވޭތާ ވެސް މިހާރު ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ. ފުޓްބޯޅަ ދަނޑު ހެދުމަށް ބޭނުންވާ ކާޕެޓްތައް ގެނައި ގޮތަށް ހުރީ "އުކާލާފަ"އެވެ. އެ ކާޕެޓްތައް ހުރީ ވީރާނާ ވާން ދޫކޮށްލާފައި ކަމަށް އެ ރަށު މީހުން ބުނެފައިވެއެވެ.

މަހްލޫފް، މީގެކުރިން ވިދާޅުވެފައި ވަނީ ޓާފްތަކުގައި ރޯކޮށްލާފައި ވަނީ ޓާފް އެޅުމަށް ތިން ދުވަހަށް ވީ ތަނާ ކަމަށެވެ. އަދި އެ އަމަލު އޭނާ ވަނީ ކުށްވެރި ކުރައްވައިފައެވެ.

ފުޓްބޯޅަ ދަނޑު ހެދުމުގެ މަޝްރޫއު ސަރުކާރުން ހަވާލު ކުރީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯ ސިޓީއެވެ. ސަބް ކޮންޓްރެކްޓަށް ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާ ގުޅުން އޮންނަ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ނޮޅިވަރަމު ދަނޑު އުޅުއްވަނީ އާލާސްކަންފުޅާ. އެހެންވެ ކުރިޔަށް ދާނެ މަގެއް ނުފެނުނީ. ވައްސަލާމް

  2. ާަމަރީ

    އަޅާނެ ކަމެއްނެތް.. މޮސްޓާ އަމިއްލަ ޙަރަދުގައި އަޅާދޭނެ..