ހދ. އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން ދެވަނަ އަށް އެންމެ އާބާދީ ބޮޑު ރަށަކީ 200 އަށް ވުރެ ގިނަ ހެކްޓަރު އޮތް ހދ. ނޮޅިވަރަމެވެ. ދެހާސް އަށްސަތޭކަ މީހުންގެ އާބާދީއެއް ނޮޅިވަރަމުގައި އޮތަސް، އެންމެ ބޮޑަށް ތަރައްގީވެފައިވާ ރަށްތަކުގެ ތެރޭގައި ނޮޅިވަރަމް ނުހިމެނެއެވެ.

ކުރުކޮށް ބުނާ ކަމުގައިވާ ނަމަ، އެ ރަށް ސިފަ ވަނީ "ދިރުމެއް" ނެތް ރަށެއް ގޮތަށެވެ!

ރަށުގައި ދިރިއުޅޭ މީހުންނާއި ރަށަށް އަންނަ މީހުން ބޭނުން ކުރަން އޮންނަ މަގުތަކުގެ ހާލަތު އެހާ ދަށެވެ. ވާރޭ ވެހިއްޖެ ނަމަ، ހެދިފައި އޮންނަނީ ބޮޑު ޗަކަގަނޑެކެވެ. ސައިކަލް، ކާރު ނުވަތަ ޕިކަޕް ދުއްވާލާކަށް ފަސޭހައެއް ނޫނެވެ. އެ އުޅަނދުތައް ހަލާކުވެދާނެ ކަމުގެ ބިރު އަބަދުވެސް އޮވެއެވެ.

ނޮޅިވަރަމްގެ ސިއްހީ މަރުކަޒުގެ ހާލަތު އެހާ ދަށެވެ. ހާލު ބޮޑު ބަލި މީހަކަށް ފަރުވާ ދޭން ގެންދަން ޖެހެނީ ކައިރީގައި އޮންނަ ހދ. ކުޅުދުއްފުއްޓަށެވެ. އެންމެ އެކަށީގެންވާ އަދަދަކަށް ފުލުހުން ރަށުގައި ނުތިބެއެވެ. ސްކޫލްގެ ޖާގައިގެ ދަތިކަން އެބައޮތެވެ. ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް އިންތިހާ އަށް ބޮޑެވެ. މެޖިސްޓްރޭޓް ކޯޓުގައި ގާޒީއަކު ނުހުންނަތާ އެތައް މަހެއްވެއްޖެއެވެ. އޭޓީއެމްއެއް ނެތުމުގެ އުނދަގޫ ރައްޔިތުން ވަރަށް ބޮޑަށް އިހްސާސް ކުރެއެވެ. މިހެން ގޮސް ކިޔާނެ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ.

ރަށުގެ އާބާދީ 2،814 އަށް އަރާ އިރު، ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު ވެސް 2،000 އާ ގާތް ކުރާނެއެވެ. ޒުވާނުން ކުރާ އެންމެ ބޮޑު ޝަކުވާއަކީ ނޮޅިވަރަމްގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކުރެވިފައި ނެތުމެވެ. ފުޓްބޯޅަ އާއި ވޯލީ ކުޅެވޭނެ ކޯޓެއް ނެތުމަކީ އެ ޒުވާނުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

ނޮޅިވަރަމް ރައްޔިތުން ކުޅެން އޮންނަ ވޮލީ ކޯޓެއް. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މި ދެ ކުޅިވަރުން ވެސް އެ ރަށުން ފާހަގަކޮށްލެވޭ އެތައް ކުޅުންތެރިންތަކެއް އުފެދިފައިވެއެވެ. ފުޓްބޯޅައިގައި ނަމަ، މާޒިޔާ އާއި ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު އަމްދާން އަލީ އާއި މާޒިޔާ އާއި ގައުމީ ޓީމުގެ އިޔާން އަބްދުލް އަލީމާއި މާޒިޔާ އަށް ކުޅޭ ހަމްޒާ އަބޫބަކުރާއި އަބްދުލް ރަހީމް އަބޫބަކުރާއި ކްލަބް އީގަލްސް އަށް ކުޅޭ ސާލިމް މުހައްމަދަކީ ނަން ހިނގާ ކުޅުންތެރިންނެވެ.

ވޮލީގައި ނަމަ، ނޮޅިވަރަމަށް އުފަން ހުސެއިން ހަމީދު ވަނީ ގައުމީ ވޮލީ ޓީމަށް ކުޅެފައެވެ. ރިސޯޓު ލީގުތަކުން އެންމެ ގިނަ ތަށި ނެގި ކުޅުންތެރިޔާ ހުސެއިން ހިލްމީއަކީ ވެސް ނޮޅިވަރަމަށް އުފަން ކުޅުންތެރިއެކެވެ.

ތިން އަހަރު ޗެމްޕިއަންކަން ހޯދި، އެކަމަކު ކޯޓެއް ނެތް!

އެންމެ ފަހުން ބޭއްވި ވޮލީ ބޯޅަ މުބާރާތުގައި އަތޮޅު ޗެމްޕިއަނުންނަކީ ނޮޅިވަރަމެވެ. މިއާއެކު، އެ ރަށުން ވަނީ ތިން ފަހަރެއްގެ މަތިން އަތޮޅު ޗެމްޕިއަން ކަން ހޯދައިފައެވެ. ވޮލީ އާއި ފުޓްބޯޅައިގައި ވެސް ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އުފެދިފައި ވަނީ ނޮޅިވަރަމުންނެވެ. އެކަމަކު ލިބުނު ފައިދާއެއް ނެތެވެ.

ނޮޅިވަރަމް ރައްޔިތުން ކުޅެން އޮންނަ ވޮލީ ކޯޓެއް. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

"ރަށުގައި ހުރީ ޒުވާނުން އަޅާފައި ހުރި ވޮލީ ކޯޓުތަކެއް. އެއީ ހަމަ ކުޅެލަން ހަދާލާފައި ހުންނަ ތަންކޮޅެއް. ހަގީގަތުގައި ވޮލީ ކޯޓެކޭ ނުކިޔާނެ. އެކަމަކު، ވޮލީ ކުޅޭ ހިތްވާ އެތައް ޒުވާނުންނެއް އެބަތިބި ކުރާނެ ކަމެއް ނެތިފައި މާޔޫސްވެފައި،" ނޮޅިވަރަމުން ވާހަކަ ދެއްކި މެދު އުމުރުގެ މީހަކު ބުނެފައިވެއެވެ.

ނޮޅިވަރަމްގައި ކުޅިވަރުގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މުހައްމަދު ވަސީމް ބުނީ ނޮޅިވަރަމުން އަތޮޅު މުބާރާތް ކާމިޔާބު ކުރީ ޕްރެކްޓިސްކޮށްލާނެ ކޯޓަކާ ނުލާ ކަމަށެވެ. ވާރޭ ވެހޭ ދުވަހެއް ނަމަ، ގާތްގަނޑަކަށް ކަށިމައްޗާ ހަމައަށް ފެންގަނޑު އަރާ ކަމަށް ވެސް ވަސީމް ވިދާޅުވިއެވެ.

"އެ ހާލުގައި އުޅެފައި ވެސް ތަށި ހިފައިގެން އައީ. އެއީ ވޮލީ ކޯޓެއް މުހިންމުވާ ވަރު. އެންމެ ފަހުން ނައިބު ރައީސް (ފައިސަލް ނަސީމް) ވަޑައިގެންނެވި ދުވަހު ވެސް ވިދާޅުވީ ތިއީ އެއްވެސް މައްސަލައެއް ނޫނޭ. ވާހަކައަކީ ފެން ތައްޓެއް ބޯލުން ކަހަލަ ކަމެކޭ. އެކަމަކު، ދިޔަ ގޮތަށް ބަހަބަރު،" ވަސީމް ބުންޏެވެ.

ވޮލީ މެޗުތައް ބަލަން އާންމުން ތިބޭ ތަން. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ވަސީމް ބުނި ގޮތުގައި ވާރޭވެހި، ފެން ބޮޑުވާ ދުވަހެއް ނަމަ، ވޮލީ ކުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. ވޮލީ ކުޅެވޭނީ ކައިރީގެ ގެއަކުން "ގޮދަނޑިއެއް، ނޫނީ ސްޕޮންޖް" ގެނެސްގެން ކަމަށް އޭނާ ބުންޏެވެ.

އެއީ ހަގީގަތެކެވެ؛ ވޮލީ މުބާރާތެއް ބާއްވައިފި ނަމަ، އިއްޒަތްތެރިން ތިބެން ޖެހެނީ "ޓިނުތައް" ދަށުގައެވެ. ވާރޭ ވެހިއްޖެ ނަމަ، ތެމި ފޯވެފައެވެ. ވޮލީ މެޗުތައް ބެލުމަށްދާ އާންމުން އިށީނދެގެން ތިބެން ބަހައްޓާފައި ހުރީ ބާވެ، ހަލާކުވާން ކައިރިވެފައި ހުރި ގޮނޑިތަކެކެވެ.

ޗަކްލީ ރެކްރިއޭޝަން ކްލަބަކީ ވަރަށް ގިނަ ފުޓްބޯޅަ އަދި ވޮލީ ކުޅުންތެރިން ތިބި ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ފަރާތުން ވާހަކަ ދެއްކި އަބްދުﷲ މުފީދު ބުނީ ރަށުގެ ޒުވާނުން ކުޅުންތެރިންނަށް ވެފައި ވަނީ އަމިއްލައަށް ހަދާފައި ހުންނަ ތަންތަނުގައި ކުޅެގެން ކަމަށެވެ. އެހެންވެ، އެކަށީގެންވާ ވަރަކަށް ޕްރެކްޓިސް ނުކުރެވި، ކުޅުންތެރިން ވެސް ނުއުފެއްދޭ ކަމަށް އޭނާ ބުންޏެވެ.

ހުވާސްއަކީ ނޮޅިވަރަމްގައި އެންމެ ދުވަސްވީ އެއް ޖަމިއްޔާއެވެ. އެ ޖަމިއްޔާގައި 100 އަށް ވުރެ ގިނަ މެމްބަރުން ތިބިއިރު، އެ ޖަމިއްޔާއަކީ ވެސް އެކި ކަހަލަ ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ވެސް ވޮލީ ކޯޓެއް ނެތުމުގެ އުނދަގުލެވެ.

ފުޓްބޯޅަ ދަނޑު އަޅަން ގެނައި ކާޕެޓްތައް ވީރާނާވާން ދޫކޮށްލާފައި!

ނޮޅިވަރަމް ފުޓްބޯޅަ ދަނޑު އެޅުމަށް ގެނައި ކާޕެޓްތައް. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ރަށުގެ ޒުވާނުންނާއި ޖަމިއްޔާތަކުގެ ކުރާ ހަމައެކަނި ޝަކުވާއަކީ ވޮލީ ކޯޓެއް ނެތުމެއް ނޫނެވެ. އެ ރަށު މީހުން ބުނާ ގޮތުން ނަމަ، ރަށުގައި ފުޓްބޯޅަ ދަނޑުގައި ނުކުޅެވޭތާ ވެސް މިހާރު ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެފައެވެ. ފުޓްބޯޅަ ދަނޑު ހެދުމަށް ބޭނުންވާ ކާޕެޓްތައް ގެނައި ގޮތަށް ހުރީ "އުކާލާފަ"އެވެ. އެ ކާޕެޓްތައް ހުރީ ވީރާނާ ވާން ދޫކޮށްލައިފައެވެ. ފުޓްބޯޅަ ދަނޑުގައި އިރުއިރުކޮޅާ ވިނަ ހެދޭއިރަށް އޮންނަނީ ސާފު ކުރަން ޖެހިފައެވެ.

ދަނޑު ހެދުމަށް ގެނައި ދެ ވެހިކަލްތައް "އޮތް ތަނުގައި" އޮތީއެވެ. ގުޑާ ވެސް ނުލައެވެ. އެ ވެހިކަލްތައް އެތަނުގައި އޮވެ ހަލާކު ނުވާ ކަމެއް ވެސް ނޭނގެއެވެ. ޒިންމާ ވާންވީ ކާކު ހެއްޔެވެ؟

ފުޓްބޯޅަ ދަނޑު ހެދުމުގެ މަޝްރޫއު ސަރުކާރުން ހަވާލު ކުރީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯ ސިޓީއެވެ. ސަބް ކޮންޓްރެކްޓަށް ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އާ ގުޅުން އޮންނަ މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއެވެ. ދަނޑު ހެދުމުގެ ވަރަށް ގިނަ މަޝްރޫއުތަކެއް ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ.

ފުޓްބޯޅަ ދަނޑު ހެދުމަށް ގެނައި ދެ ވެހިކަލް. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ނޮޅިވަރަމްގައި އޮތީ ހަމައެކަނި ފުޓްސަލް ކުޅޭނެ ދަނޑެކެވެ. އެއީ ވެސް ހަގީގަތުގައި ދަނޑަކަށް ވާ ކަހަލަ ދަނޑެއް ނޫނެވެ. މާލޭގައި މި ހުންނަ ކަހަލަ ކާޕެޓް ދަނޑެއް ނޫނެވެ. އެއީ މެޓުން ހަދާފައިވާ ދަނޑެކެވެ. ވިއްސާރަ ދުވަހެއް ނަމަ، އެ ދަނޑުގައި ކުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ.

"ދެން ހުރޭ އެކި ދިމަ ދިމާލުގައި ދަނޑުތަކެއް ހަދާފައި. އެއީ ތަންތަންކޮޅުގައި މީހުން ގްރޫޕް ހަދާލައިގެން އެ ގްރޫޕެއްގެ ބަޔަކު ހަދާފައި އޮންނަ ވެލި ދަނޑެއް. އަސްލު ހަގީގަތުގައި ބުނާ ނަމަ، ދަނޑެއް ނެތް." އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ނޮޅިވަރަމަކީ 2015 ވަނަ އަހަރުގެ އަތޮޅު އަދި ޒޯން ޗެމްޕިއަނުންނެވެ. އެކަމަކު، ކުޅެލާނެ ދަނޑެއް ނެތެވެ. ނޮޅިވަރަމްގެ ބްރައިޓް އެސޯސިއޭޝަންގެ ފަރާތުން ވެސް އެދިފައި ވަނީ ޒުވާނުން ކުޅިވަރުގެ މައިދާނަށް ނުކުމެވޭނެ މަގެއް ސަރުކާރުން ވީހާވެސް އަވަހަށް ގާއިމުކޮށް ދިނުމަށެވެ.

ނޮޅިވަރަމް ފުޓްބޯޅަ ދަނޑު. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ލީޑާސް އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދެއްކި ނަސްރުﷲ ހަލީލް ބުނީ ނޮޅިވަރަމް ފުޓްބޯޅަ ދަނޑު ހެދުމަށް ތިން ފަހަރެއްގެ މަތިން ސާފުކޮށްފައިވާ ކަމަށެވެ. އަދި ތަކެތި ހަމަވެގެން މަސައްކަތް ދާން ޖެހޭ ސްޕީޑްގައި ނުދާ ކަމަށް ވެސް ނަސްރުﷲ ބުނެފައިވެއެވެ.

"ބޮޑު ފުޓްބޯޅަ ނުކުޅެވި، ހަތަރު، އަހަރު ފަސް އަހަރުވެގެންދާ އިރު، އޭގެ މާނައަކީ ޖީލެއްގެ ކުޅުމޭ ހަލާކުވެގެން މިދަނީ." ނަސްރުﷲ ބުންޏެވެ.

ނޮޅިވަރަމް ފުޓްބޯޅަ ދަނޑު. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ނަސްރުﷲ އާއި ރަށުގެ އެހެން ރައްޔިތުން ވެސް ފާހަގަ ކުރާ ގޮތުގައި ނޮޅިވަރަމް ފުޓްބޯޅަ ދަނޑުން ފެންނަނީ މާޔޫސް ކަމެވެ. މަސައްކަތް ފެށޭނެ ކަމުގެ އެއްވެސް އުންމީދެއް އެމީހުންގެ ނެތެވެ. މިއީ ޓާފް ދަނޑެއް އަޅަން ވެގެން މަސައްކަތް ކުރިއަށްދާ ތަނެއްގެ ގޮތުގައި އެއްވެސް މީހަކު ގަބޫލު ނުކުރާނެ ކަމަށް އެމީހުން ބުނެއެވެ.

ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ހުސެއިން ވިދާޅުވީ މިދިޔަ އަހަރު ކައުންސިލާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ޓާފް ދަނޑު ވީ އެންމެ އަވަހަކަށް ފެށޭނެ ދުވަހަކަށް ކަމަށެވެ. އަދި އެކި ގޮތް ގޮތުން ކުރި މަސައްކަތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކޮންޓްރެކްޓަރު ރަށަށް އައިއިރުގައި ދަނޑުގައި އޮތީ ވަރަށް ބޮޑަށް ވިނަ ހެދިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ވިނަތައް ނޮޅާއި ސާފުކޮށް، ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރިއިރު، ކޮންޓްރެކްޓަރު ފާހަގަ ކުރީ ވެލި އިތުރަށް ބޭނުންވާ ވާހަކައެވެ. އެހެންވެ، ބަނދަރު ސަރަހައްދުގައި ހުރި ވެލި ފުންޏަކުން ވެލި ފޯރުކޮށްދިނުމަށް ކައުންސިލުން އެއްބަސްވި ނަމަވެސް، ކޮންޓްރެކްޓަރު އެކަމަށް އެއްބަހެއް ނުވިއެވެ. އެއީ ބަނދަރު ސަރަހައްދުން ދަނޑާ ހަމައަށް ވެލި ގެނައުމަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށް ބުނެއެވެ.

"އެބޭފުޅުން ޔޫތު މިނިސްޓްރީ އަށް އެކަން އެންގި. އެކަން ހިނގާނެ އަގަށް ޔޫތު މިނިސްޓްރީގެ އެޕްރޫވަލް ނުލިބިގެން ލަސްވަމުން، ގޮސް އަގަކަށް އެއްބަސް ނުވެވިގެން އެއްވެސް މަސައްކަތެއް ނުކޮށް އެ ބޭފުޅުން ރަށުން ފައިބައިގެން ދިޔައީ،" ނޮޅިވަރަމް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

ނޮޅިވަރަމް ފުޓްބޯޅަ ދަނޑު އެޅުމަށް ގެނައި ކާޕެޓްތައް. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އެގޮތަށް އެކަންތައް ހިނގާފައި އޮއްވައި، ކައުންސިލުން އިސް ނަގައިގެން ކޮންޓްރެކްޓަރު ބޭނުންވި އަދަދަށް ފުޓްބޯޅަ ދަނޑު ކައިރިއަށް ވެލިތައް ޖަމާކުރިއެވެ. އޭގެ ފަހުން، މަސައްކަތަށް ބޭނުންވާ ވެހިކަލްތަކެއް ނޮޅިވަރަމަށް ގެނެސް ތިން ހަފްތާއެއްހާ ދުވަސް ވަންދެން މަސައްކަތް ކުރިއެވެ. އަދި ތިން ފަހަރެއްގެ މަތިން ވެލި މަދު ވާހަކަ ބުނުމުން، ކައުންސިލްގެ ފަރާތުން އެތައް ޓަނެއްގެ ވެލި ފޯރުކޮށްދީފައިވެއެވެ.

އެކަމަކު ވެސް އެ މަސައްކަތް ކުރިއަށް ނުގޮސް، އަނެއްކާ ވެސް މަސައްކަތް އޮތީ ހުއްޓިފައެވެ.

މުހައްމަދު ހުސެއިން ވިދާޅުވީ މަސައްކަތް ކުރިއަށް ނުދާ ވާހަކަ ކައުންސިލްގެ ފަރާތުން ޔޫތު މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށެވެ.

ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ މިއަށް ވުރެ މާ ކުދި އާބާދީތަކުގެ ތެރެއިން އަތޮޅު ފެންވަރުގައި ބައިވެރި ނުވާ ރަށްތަކުގައި ފުޓްބޯޅަ ދަނޑުތަކާއި ވޮލީ ކޯޓުތައް ހެދެމުންދާ އިރު، ނޮޅިވަރަމް ރައްޔިތުން މި ކުޅިވަރުތަކުން މަހްރޫމްވެގެން ދިއުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމަށެވެ.

"ޒުވާނުންގެ ވަރަށް ބޮޑު އާދޭހެއް މިއީ ސަރުކާރުން މިކަންކަން ކޮށްދިނުމަކީ،" މުހައްމަދު ހުސެއިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    އަޅެ އިއްޔެއޭ ސޯލިބޭ ބުނީ ތަފާތުކުރުމެއްނެތި ރަށްރަށަށް ކަންކަން ކޮށްދެމޭ. ފެނެއެއްނު ސޯލިބޭ ހަމަހަމަކުރާ ގޮތް. ތި ރަށުގައި އެމްޑީޕީ މީހުން ވަރަށް މަދުވާނެ. އެހެންވެ ތިއޮތީ އެއްފަރާތްކޮށްފައި.

    9
    1
  2. ހައްޗޭ

    ހަމަ ޖެހިބަލަ. މިއުޅެނީ މިތާ ދަރުބާރުގެ ކައިރީ ތާރުކޮޅެއްވެސް ނޭޅިގެންް. ރޑސ މޑ އުޅެނީ އެހެން ކަމަކާ. ތިކަން އަދިވާނެ.

    10
    1
  3. ޢަބްދުއްލަޠީފު

    އެތައް މަކަރަކާ ޙީލަތް ހެދުމައްފަހު ދައުލަތައް ދައްކާ ކުޑަ ޖީއެސްޓީ އާ ޓީޖީއެސްޓީ ކޮޅު ދަވާލުމުގަ ސަރުކާރާ ދައުލަތުގެ މިނިވަން މުއައްޞަސާތައް އެކުވެގެން މުޅި ދައުލަތް އެއްކޮށް ހައިޖެކް ކޮށްގެން އުޅޭވާހަކަ މީޑިޔާ އަށް ތިލަވެގެން އުޅޭ އިރުވެސް ކަލޭމެން ތިއުޅެނީ ފުޓުބޯޅަ ދަނޑާ އަނެކައްޗެއް ނޭޅިގެން. ދިވެހިންނައް މިވަނީ ކޮންފަދަބޮޑު ވަބާއެއްޖެހިފަބާއޭ ހިތައްއަރާ. ގައުމެއްނެތޭ ދަރިންނޭ ، ގައުމުގެ ދުވަސް ހިގައްޖޭ ، ގައުމުގެ އަބުރު ނެތިއްޖޭ. ދަރިންނޭ ހޭލަބަލަ. މަތިންފެށިގެން ތިރިއަށް ހުސްވައްކަން. ވަގުންގެ އަތްދަށުން ގައުމުސަލާމަތް ކޮށްގެން ނޫނީ ނެތްވާކަށް.

    10
    1
  4. އާދަމްބެ

    ތީ މިބުނާ ތަރައްޤީ އަކީ... އަދިވެސް އެމްޑީޕީ ކުދިންކޮޅު ބުނާއިރަށް ވޯޓް ލާތި.

    11
    2
  5. ގަމާރު

    މުޅި ދުނިޔެއަށް ތި އާދޭސް ކުރަންވީނު! ދުނިޔެއަށް ފޮނުވާފަ ތިތިބީ ތިކަން ކުރަންވިއްޔަ!!!

    9
    3
  6. Happy birthday

    ކާކު ތިދާއިރާގެ މެމްބަރަކީ… އޭނަ ޒިންމާނަގަން ޖެހޭނެ ތި ހުރިޙާކަމަކަށް.. ބޮޑު މުސާރަ ނަގައިގެން އޭނައެހުންނަނީ ހެވިފަ…. ދެންވެސް ހޮޥާއޭނަ!!🥹

    8
    1
  7. Happy 123345

    މަޖިލިސް މެމްބަރު ޒިންމާނަގަންޖެހޭނެ! ޢަދިވސް ހޮޥާ!!

    6
    1
  8. މަހުލޫފް

    މައްސަލައެއް ނެއް މާދަން ފޮނުވާނަން މީހުނާ ތަކެތި ދަނޑު އެޅުމައް ބޭނުންވާ

  9. Anonymous

    މިބުނާ ތަރައްޤީ އަކީ... އަދިވެސް އެމްޑީޕީ ކުދިންކޮޅު ބުނާއިރަށް ވޯޓް ލާތި ކާކު ތިދާއިރާގެ މެމްބަރަކީ… އޭނަ ޒިންމާނަގަން ޖެހޭނެ ތި
    ހުރިޙާކަމަކަށް.. ބޮޑު މުސާރަ ނަގައިގެން އޭނައެހުންނަނީ ހެވިފަ…. ދެންވެސް ހޮޥާއޭނަ.... 😠😡