ފެބްރުއަރީ އެކެއް އެއީ ދިވެހި ގައުމަށް ކުރިމަތިވި ނުރައްކާތެރި ހަމަލާއެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ސިފައިންގެ 126 ވަނަ އަހަރީ ދުވަހާއި ގުޅިގެން ދެއްވި ހިތާބުގައެވެ.

ރައީސް ވިދާޅުވީ މިއަދު ދިވެހި ދައުލަތް ދިފާޢުކުރަން ޖެހިފައިވަނީ ހަމައެކަނި ބޭރުގެ ދުޝްމަނުންނާއި ބޭރުގެ ޢަދާވާތްތެރިންގެ ކިބައިން ނޫން ކަމަށާއި ރާއްޖޭގައި އޮތް ސިޔާސީ ހަލަބޮލިކަމުންނާއި، އަމިއްލަ އެދުމާއި ވެރިކަމުގެ ދަހިވެތިކަމުގައި ތަފާތު ޣައިރު ޤާނޫނީ ޢަމަލުތައް ހިންގާ ފަރާތްތަކުގެ ކިބައިންވެސް މި ޤައުމު ދިފާޢުކޮށް ސަލާމަތް ކުރަންޖެހޭ ކަމަށެވެ.

"މިހެން މި ދެންނެވީ އަޅުގަނޑުމެން ތަޞައްވުރުވެސް ނުކުރާ ގޮތްގޮތަށް ދައުލަތުގެ މުހިންމު ބާރުތަކުގެ ބޭނުން ނާޖާއިޒުގޮތުގައި ހިފައިގެން ދައުލަތާ ދެކޮޅަށް ތެދުވާ ތެދުވުންތައް އިތުރުވަމުން އަންނާތީއެވެ. ދައުލަތުގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި، ދައުލަތުގެ ޝަރަފުވެރި ޢިއްޒަތްތެރިންގެ ގޮތުގައި ތިއްބަވާ ބައެއް ބޭފުޅުންވެސް އަމިއްލަ އެދުމާއި މާއްދިއްޔަތަށްޓަކައި އެބޭފުޅުންގެ
ޝަޚްސިއްޔަތު ޤުރުބާން ކުރައްވަމުން ގެންދަވާތީއެވެ. ޚާއްޞަކޮށް، މީގެކުރިން ރައީސުލްޖުމްހޫރިއްޔާ ކަމާއި، ސިފައިންގެ އެންމެމަތީ ވެރިޔާކަން ކުރައްވާފައިވާ ބައެއް ބޭފުޅުން ދިވެހި ދައުލަތާ ދެކޮޅަށް ނުކުމެވަޑައިގެން، ބޭރުގެ އަސްކަރީ ބާރުތައް މި ޤައުމަށް އެރުމަށް ތަކުރާރުކޮށް ގޮވާލައްވަމުން ގެންދަވާތީއެވެ. އެކަމަށް އެދިވަޑައިގެން ބޭރުގެ ފަރާތްތަކުގައި އާދޭސް ކުރައްވަމުން
ގެންދެވުމަކީ އެކަމާމެދު ހުރިހާ ދިވެހި ރައްޔިތުންވެސް ވިސްނާވަޑައިގަންނަވަންޖެހޭ ކަމެކެވެ" ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ޤައުމުތަކުގެ ކުރިމަތީގައި ދިވެހިރާއްޖެއާއި ދިވެހިން ފަޟީޙަތްކޮށް، ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން ނޫން އެހެން ދީންތައްވެސް އޮންނަންވާނެ ކަމަށް ގަދައަޅައި ވަކާލާތުކުރާ ބޭރުގެ ފަރާތްތަކާ ގުޅިގެން އެ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ މި ޤައުމު، ޤައުމިއްޔަތުގެ ބިންގާ ކަމުގައިވާ އިސްލާމްދީނަށް ދެއްވަމުން ގެންދަވާ ވަރުގަދަ ހަމަލާތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުއްވި އަމުރާ ގުޅިގެން، ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ސާބިތުކަމަށްޓަކައި އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށާއި ޙަޤީޤަތުގައި އެއީ، ދިވެހި ޤައުމަށް ކުރިމަތިވި ނުރައްކާތެރި ޙަމަލާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެ ޙަމަލާއިން މާތްاللهގެ ވާގިފުޅާއެކު ސަލާމަތްވެ، ޤައުމަށް ހަމަޖެހުން ލިބުމުގެ އެއް ސަބަބަކީ، ދިވެހި ސިފައިން ދެއްކެވި އިޚުލާޞްތެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، އައްސުލްޠާން އިބްރާހީމް ނޫރައްދީން، ދިވެހި ސިފައިން 1892 ވަނަ އަހަރު އުފެއްދެވީއްސުރެ ޤައުމަށް ކުރިމަތިވި ކޮންމެ ޢުދުވާނަކުން އަދި ކޮންމެ ނުރައްކަލަކުން މި ޤައުމު ދިފާޢުކޮށް ސަލާމަތްކޮށްދީފައިވަނީ ދިވެހި ސިފައިންކަން ރައީސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous
  2. މަސްވަރު

    މި ގޮލާ ފެބްރުއަރީ 1ން ސަލާމަތް ނުވެގެން ހާދަ ބިރުންނޭ ދޯ މި ތެޅެނީ...

  3. ފަޑުއްކަ

    މޮޔަނުގޮވާ ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުއްވި އަމުރާ ގުޅިގެން، ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ސާބިތުކަމަށްޓަކައި ސާބަސް ދޭއިރު ކޮންޤައުމެއްގަތޯ؟ ސުޕްރިންކޯޓުގެ އަމުރު ބޮލާލާޖަހާ އެބޭފުޅުން ހައްޔަރުކުރީ؟؟؟؟؟

  4. އެޑަމް

    ގައުމަށް ކޮން ނުރައްކަލެއްވީ. ކަލޯގެ ވެރިކަމަށްނުރައްކާވީ...

  5. ބޮޑު މާލޭ މަލަމަތި

    ފެބުރުއަރީ 1 އެއީ އެވެނި މިވެނި އެއްޗެކޭ ކިތައިގެން ރައީސާއި މިނިސްޓަރުންކިތައްމެ ވަރަކަށް މިއަދު ވާހަކަ ދެއްކިޔަސް އެއްވެސް އާއްމު ރައްޔިތަކު އެވާހަކަ އެބަ ކުރޭތޯ ޤަބޫލު ؟ ހީޔެނުވޭ ޖައްސަވަން ތިއުޅުއްވާ ލޭބަލް ޖެހޭނެ ހެނެއް .