ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުން، މިއަދު މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ ސިވިިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ މާލެ، މ.ވިލާތުކުންނާރުގެ، ޙަސަން ރަފްޙާން (33އ) ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ ޙަސަން ރަފްޙާން ހޯދަމުންދަނީ ސިވިލް ކޯޓުގައި ދަޢުވާކުރާ ޙުކުމްތަންފީޒިކުރުމުގެ މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން ކޮށްފައިވާ ކޯޓަށް ޙާޒިރުވުމުގެ އަމުރަށް އެ ކޯޓަށް ޙާޒިރުވެފައިނުވާތީ، ބަންދުގައި ބަހައްޓައިގެން 2020 މާރޗް 4 ވަނަ ދުވަހުގެ 13:20 އަށް ސިވިލް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ވީމާ، ޙަސަން ރަފްޙާނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.