ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކުރިއަށް އޮތް 24 ގަޑިއިރު އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ދެކުނާއި މެދުރާއްޖެތެރެ އަށާއި އުތުރުގެ ސަރަހައްދުތަކަށް އުދައަރައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެންމެ ގިނައިން އުދަ އަރައިގެން ރިޕޯޓް ކޮށްފައިވަނީ ދެކުނުގެ ސަރަހައްދުތަކުން ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އުދަ އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އުދަ އެރުމާ ގުޅިގެން މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާކަން މިހާތަނަށް އެނގިފައިވަނީ ތ.ގުރައިދޫ އަށާއި ފުވައްމުލަކު ސިޓީ އަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރު ހަމަދު އަބްދުﷲ ވިދާޅުވީ މިހާރު އެ ރަށަށް އެންމެ ބޮޑަށް އުދަ އަރާފައިވަނީ ހަވީރު 16:45 އާއި 17:00 އާއި ދެމެދު ކަމަށެވެ. އެގޮތުން އެ ރަށު ޕޮލިސް ސްޓޭޝަނާއި ތާރު އެޅި މަގާއި ހަމައަށް ވެސް އުދަ އަރާފައިވާ ކަމަށް ހަމަދު ވިދާޅުވިއެވެ.

އަދި އުދަ އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް މިހާރު ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނުގެ ބޮޑު ބަޔަކަށް މި ދުވަސްވަރު ވިއްސާރަކުރަމުންދާއިރު، ދެކުނު އަތޮޅުތަކަށް ރޭ، މޫސުމާއި ބެހޭ އިދާރާއިން ޔެލޯ އެލާޓްވެސް ނެރެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕިސް ޕިސް

    އުދައަރާނެ ވަރަކަށް އެރީމަ ކޮން ލަފާކުރުމެއް ނެރޭކަށްތަ؟

    • އިހުގެ ބޭބެ

      ތިޔައީ ހަމަ ތެދެއް ވ ވެދުން

  2. އަޑަފި

    މިއީ ކްލައިމެޓް ޗޭންޖް ގެ ފުރަތަމަ އަލާ މާތް ތައް. އަދިވެސް ދިވެހިން އެ ވާނިންގްސް ތަކައް ބީރު ކަންފަތް ދީގެން ގެ ތައް އެޅުމުގަ ހުރީ ފޫގަޅާފަ.