"ގެއްލިގެން ހޯދަމުންދާ އަލީ ފަހުމީ އާއި މަޔާމީން އަލީ، ސަލާމަތުން، ހެޔޮ ޙާލުގައި އަވަހަށް ފެންނާނެ ގޮތް މެދުވެރިވެރި ކޮށްދެއްވައި، މި ދަނޑިވަޅުގައި އެ ދެކުދިންގެ ޢާއިލާއަށް ހިއްވަރާއި ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާކުރަން"

މުޅި ރާއްޖެއަށް ކުއްލި ސިހުމެއް ގެނުވި ޚަބަރަކާއި އެކު ގިނަ ބަޔަކު ކުރަމުންދާ ދުޢާއަކީ މިއީއެވެ. ގަދަ ކަނޑެއްގެ ބިޔަ ރާޅުތަކެއްގެ ތެރެއަށް ބެހިގެން ގޮސް، ގެއްލުނު ދެކުދިން ހޯދުމުގެ މަސައްކަތުގައި އެތައް ބަޔަކު ދަނީ ބައިވެރި ވަމުންނެވެ. ނަމަވެސް އެ މަސައްކަތް އަދި ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް މުސުން ގޯސްވެ ކަނޑު ގަނދަ ދުވަސްކޮޅަކަށް ވާއިރު، ރާއްޖޭގެ އެންމެ ދެކުނުގައިވާ އައްޑޫ ހިމެނޭ ސަރަޙައްދަކީ އެންމެ ބޮޑަށް މި ވިއްސާރައިގެ އަސަރު ކުރަމުންދާ އެއް ސަރަޙައްދެއެވެ. މިއަދު އެ ސިޓީގެ ހިތަދޫއިން ކުޑަ ދެކުދިން ގެއްލުނީވެސް، އައްޑޫ ހިމެނޭ ސަރަޙައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެލާޓް ނެރެފައި ވަނިކޮށެވެ.

އަލީ ފަހުމީ އާއި މަޔާމީން ގެއްލުނީ، ޢާންމުކޮށްވެސް ވިއްސާރަ މޫސުންތަކުގައި ރާޅު ބޮޑު، ހިތަދޫ ފުއްޓަރު ފަރާތް ނުވަތަ ހިތަދޫ މީހުން ބުނާގޮތުން ނަމަ "ކަޅިބިތް" ސަރަޙައްދަށެވެ. މި ކުދިން ގެއްލުނު ވަގުތަކީވެސް އާދަޔާއި ޚިލާފަށް ރާޅު ބޮޑުވެ ކަނޑު ގަދަވެފައިއޮތް ވަގުތެއްކަމުން، ކުދިން ހޯދުމުގެ މަސައްކަތަށްވެސް އެކަން ބޮޑު ހުރަހަކަށް ވިއެވެ.

އަލީ ފަހުމީ އާއި މަޔާމީން އަލީ ގެއްލިފައިވަނީ، އިތުރު ކުއްޖަކާއިވެސް އެކު މޫދަށް ގޮސް އުޅުމުގެ ތެރޭގައެވެ. ނަމަވެސް ރާޅު ބޮޑުވި ވަގުތު އެ ސަރަޙައްދުގައި އުޅުނު މީހެއްގެ އެހީތެރިކަމާއި އެކު އެކުއްޖާ ސަލާމަތްވިއިރު، "ފަހަތުން އައިސް އައިސް ތިބި، އަލީ ފަހުމީ އާއި މަޔާމީން އަށް ފަހުން ވީގޮތެއް ނޭނގި ގެއްލުނީ"އެވެ. މި ހާދިސާގައި ސަލާމަތްވި ކުއްޖާއަށް އެހީތެރިވި މީހާ ބުނެފައިވާގޮތުގައި، އެވަގުތުގައި ރާޅު ބޮޑުވެ އާދަޔާއި ޚިލާފަށް އޮއި ގަދަވުމުން "ސަލާމަތްވި ކުއްޖާގެ އަތުގުއި ކިރިޔާ ހިފުނީ" އެވެ. އަދި "އަނެއް ދެކުދިން ބޭރަށް ދަމައިގަތީ،" ކަމަށް އޭނާ ބުންޏެވެ.

މި ޙާދިސާގެ ޚަބަރު ލިބުމާއި އެކު އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ކުދިން ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ. އެގޮތުން ވައިގެ މަގުންނާއި ކަނޑު މަގުން އެކުދިން ހޯދުމަށް ސިފައިން ޙަރަކާތްތެރިވިއިރު، އެކުދިން އެންމެ ފަހުން ފެނިފައިވާ ސަރަޙައްދަށް ޑައިވްކޮށްގެން ވެސް ވަނީ ބަލައި ހޯދާފައެވެ. އެ މަސައްކަތް ހުއްޓުމެއް ނެތި މިހާރުވެސް ކުރިއަށްދާއިރު، ރޭގަނޑުގެ ވަގުތަށް މި މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދިއުމަށް ނައިޓްވިޝަން އާލާތްތައް ބޭނުންކޮށްގެންވެސް ސިފައިން ދަނީ ކުއްޖާ ހޯދުމުގައި ޙަރަކާތްތެރިވަމުންނެވެ. އަދި ސަރުކާރުގެ މުވައްސަސާތަކާއި ޢާންމުންގެ ގިނަ ބަޔަކުވެސް މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވަމުންދެއެވެ.

އެނގިފައިވާގޮތުގައި ގެއްލިގެން ހޯދަމުންދާ އަލީ ފަހުމީ އާއި މަޔާމީން އަކީ ފަތަން ދަންނަ ދެކުދިންނެވެ. އަދި އެ ކުދިން މީގެ ކުރިންވެސް އެ ސަރަޙައްދަށް އެކުގައި މޫދަށްގޮސް އުޅެއެވެ. އެކުދިންނާއި އެކު މިއަދު މޫދަށްގޮސް އުޅެނިކޮށް ހިނގި ހާދިސާގައި ސަލާމަތްވި ކުއްޖާއަށް މިހާރު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

އަލީ ފަހުމީ އާއި މަޔާމީން ގެއްލުނުތާ ގިނައިރުތަކެއް ވެފައިވާއިރު، މައުސޫމު މި ދެކުދިން ހެޔޮ ޙާލުގައި ތިއްބައި ފެނުމަކީ އެންމެންގެ ދުޢާ އެވެ. އަދި އުންމީދެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ޢަވަހަސްކޮން އެކުދިން ފެނުން އަހަރެންގެ ވެސް ދުއާ އަކީ

    • ޢާއިޝަތު އަލްމާޝާ ޢަލީ

      މި ދެކުދިން ހެޔޮ ޙާލުގައި ތިއްބައި ފެނުމަކީ އަޅުގަނޑުގެ ދުޢާ އަކީ.

  2. މާސް

    ޔާﷲހެޔޮ ހާލުގައި ލަހައްޓަވާދޭވެ

  3. ދީވާ

    ޢަވަހަސްކޮން އެކުދިން ފެނުން އަހަރެންގެ ވެސް ދުއާ އަކީ