ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލްގައި ތިބޭ ބަލި މީހުން ގާތަށް ޒިޔާރަތްކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ބަލި މީހުން ކައިރިއަށް ޒިޔާރަތް ކުރުން މެދުކަނޑާލީ ބަލި މީހުންނަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އާއި އެންމެންގެ ރައްކާތެރިކަމަށްޓަކައި ހޮސްޕިޓަލްގެ ސިއްހީ މިންގަނޑުތައް ހިފެހެއްޓުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް، ކޮންމެ ބަލި މީހަކާ އެކު އެމީހާގެ އެހީތެރިއަކަށް އެކަކަށް މަޑު ކުރެވޭނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އަދި އެހެން މީހުން ހޮސްޕިޓަލަށް ޒިޔާރަތް ކުރުމާއި އެހެނިހެން ކަންކަމުގައި ކޮންމެހެން ހޮސްޕިޓަލަށް ދާން ނުޖެހޭ ނަމަ، ނުދިއުމަށް ހޮސްޕިޓަލުން އިލްތިމާސް ކުރެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ތިބި ބަލި މީހުން ކައިރިއަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން މެދުކަނޑާލި އިރު، އައިޖީއެމްއެޗުން ވެސް މިހާރު ވަނީ ބަލި މީހުން ގާތަށް ޒިޔާރަތް ކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.

ރާއްޖެއިން މިހާތަނަށް ވަނީ ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ އިޓަލީވިލާތުގެ ހަތަރު މީހަކާއި އެހެން ދެމީހެކެވެ. އެދެމީހުންނަށް ކޮވިޑް-19 ޖެހިފައި ވަނީ ފުރައިގެން ދިޔަ އިޓަލީވިލާތުގެ މީހާ ގައިންނެވެ. އަދި މިހާތަނަށް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.