ހުޅުމާލޭގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ދިރާގު އޮފީސް ކައިރީގައި މިރޭ 9:30 ގައެވެ. އެއީ ނިރޮޅުމަގު، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިދޭ ބްރިޖު ކައިރިއެވެ.

މި ހަރަކާތަކީ ސިފްކޯ އިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ. ހަވާ އަރުވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ ތިން މިނެޓެއްހާ އިރަށެވެ.

މިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހުގެރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ވެސް ވަނީ ހަވާ އަރުވައިފައެވެ.