ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ވެމްކޯ މުވައްޒަފުންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަފާރީ އިން ގެންނަ ކުނި ވެމްކޯ ސައިޓަށް ގެނައުން މަނާކޮށްފިއެވެ.

މިއަދު ވެމްކޯ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރާއްޖެއިންވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން، ވެމްކޯ މުވައްޒަފުންނާއި އާންމު ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސަފާރީ ކުންޏާއި އާންމު ކުނި އެއްކޮށްގެން ގެނައުމާއި، އަމިއްލަ އެއްގަމު އުޅަނދުގެންގުޅޭ ފަރާތްތަކުން ސަފާރީ އުޅަނދު ފަހަރުގެ ކުނި ވެމްކޯގެ އެއްވެސް ސައިޓަކަށް ގެނައުމަކީ މަނާކަމެއް ކަމަށެވެ.

އަދި ސަފާރީ އުޅަނދުފަހަރުން ވެމްކޯ ހުޅުމާލެ ސައިޓަށް ކުނި ގެންނަކަމުގައި ވާނަމަ، ވެމްކޯ ސައިޓުގެ ސުޕަވައިޒަރާއި ގުޅުއްވައިގެން، އެ ފަރާތުން ދެއްވާ ލަފަޔާއި އިރުޝާދުގެ ދަށުން ކުނި ގެނައުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ ގޮތަށް ގެނެވޭ ކުނިި ހުންނަން ވާނީ ކޮތަޅުލެވި ރަނގަޅަށް ބަންދު ކުރެވިފައި ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފައެވެ. އިއުލާނުގައި ބަޔާން ކުރެވިފައިވާ ގޮތާއި ހިލާފަށް ގެނެވޭ ކުނި ބަލައި ނުގަނެވޭނެ ކަމަށްވެސް ވެމްކޯއިން ބުންޏެވެ.

މިދަނޑިވަޅުގައި މިގޮތަށް ކުނި ގެނައުމަކީ އެންމެ ރައްކާތެރިގޮތް ކަމަށް ވުމުން އެ އުސޫލުތަކުގެ މަތިން އަމަލު ކުރުމަށް އެކޯޕަރޭޝަނުން ވަނީ ކަސްޓަމަރުންއަށް އަންގާފައެވެ. އަދި އެ ކޯޕަރޭޝަނުން އަންގާފައިވާ ހިލާފަށް އަމަލުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.

ސަފާރީތަކުން ހުޅުމާލެ ސައިޓަށް ގެންނަ ކުންޏާއި މެދު އަމަލު ކުރަންޖެހޭނެގޮތް، ވެމްކޯ ސައިޓުގެ ސުޕަވައިޒަރުގެ ނަންބަރު 7871666 އަށް ގުޅުއްވުމުން ލިބިގެންދާނެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން އަންނާތީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރުން ވަނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާން ކޮށްފައެވެ. އެކަން އިއުލާން ކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ. މީގެއިތުރުން ސަރުކާރުގެ ކުންފުނިތަކުންވެސް އަންނަނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބައެއް ކުންފުނިތަކުން މަސައްކަތް ކުރާ ވަގުތުތަކަށް ބަދަލު ގެނެސް ރައްޔިތުންނަށް ދެމުން ދިޔަ ހިދުމަތްތަކަށް ވެސް ބަދަލު ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިމާރުލް ޤައުމު

    އެހެންވިއްޔާ ދެން ތި އަޅާނީ ކޮންތާކަށް. ކަނޑަށް ދޯ. ތީ ޛިންމާދާރު ކުޑަ ނިންމުމެއް. ރަނގަޅަށް ބަންދު ކުރަން މަޖުބޫރު ކުރަންޖެހޭނީ. ބަލައި ނުގަނެ ކުނި ފޮނުވާލެވޭނީ އަޅާނެ އެހެން ތަނެއް ހުރނަމަތާ. ތީގެ ނަތީޖާ އަދި މާ ހިތިވާނެ.