ދިވެހި ރައްޔިތުންގެ ލޯންތައް ވަގުތީ ގޮތުން ސަސްޕެންޑްކޮށް ދިނުމަށް ތުލުސްދޫ ދާއިރާގެ އަމިއްލަ މެމްބަރު އިބްރާހިމް ނަސީމް މިއަދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ނަސީމް ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި ކޮވިޑް-19 ފެތުރިފައިވާ ގޮތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި ހަފްތާ ވެގެން ދިޔައީ ނުރައްކާތެރި، އަދި ބަލި ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ގިނަވެގެންދާ ހަފްތާއަކަށް ކަމަށެވެ. ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން އަޅާފައި ހުރި ފިޔަވަޅުތަކަށް ސަރުކާރަށް އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށް ވެސް މެމްބަރު ނަސީމް ވިދާޅުވިއެވެ.

ސަރުކާރުން އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ލޯން ނަގައިގެން ތިއްބެވި ބޭފުޅުންނާއި ކުދި ވިޔަފާރިތަކާއި އަމިއްލަ ފަރުދުންގެ ލޯންތައް ވަގުތީ ގޮތުން ސަސްޕެންޑްކޮށް ދިނުމަށް ނަސީމް ގޮވާލެއްވިއެވެ. އަދި ދާދި އަވަހަށް އެކަން ހަމަޖެހިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

"މިކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން ބޭނުންވޭ. މިކަމުގައި ވަރަށް ގިނަ ބަޔަކު ހިތާމަ ފާޅުކުރަމުން އެބަގެންދޭ،" ނަސީމް ވިދާޅުވިއެވެ.

މީގެއިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެއް ރަނގަޅު ގޮތެއް ހަދައި ދިނުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވި ގޮތުގައި ސަރުކާރުގެ އެ ފިޔަވަޅުތަކަކީ ގިނަ ބަޔަކު، އެއް ތަނެއްގައި ތިބިޔަ ނުދިނުމަށް އެޅި މުހިއްމު ފިޔަވަޅުތަކެކެވެ. ސަރުކާރުން އިއްޔެ ނިންމި އެންމެ ބޮޑު އެއް ފިޔަވަޅަކީ މާދަމާ އިން ފެށިގެން އަންނަ ހަފްތާގެ ބުރާސްފައްޗާ ހަމައަށް ސަރުކާރުގެ ހުރިހާ އޮފީސްތައް ބަންދު ކުރުމެވެ.

ކޮވިޑް-19 އާ ގުޅިގެން ފުރާނަ އަތް މައްޗަށް ލައިގެން މަސައްކަތް ކުރަމުން އަންނަ ޓާސްކް ފޯހުގެ މެމްބަރުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތް ދިނުމުގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ އެންމެންނަށް ޝުކުރު ދަންނަވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އެއާ ޓެކްސީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް މެސެޖެއް ދެއްވައިފައެވެ. ނަސީމް ވިދާޅުވި ގޮތުގައި މީގެކުރިން އެ މުވައްޒަފުން މަސައްކަތް ކުރީ އާއިލާގެ ހައްގުގައެވެ. އެކަމަކު، މިއަދު އެ ހުރިހާ އެންމެން މަސައްކަތް ކުރަނީ ދިވެހި އުންމަތުގެ ހައްގުގައި ކަމަށް ވިދާޅުވިއެވެ. އަދި އެމީހުން ކުރަމުންދާ މަސައްކަތަށް ވެސް އައްސަރިބަހާއި ސާބަސް ރައްދު ކުރައްވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޓުއަރިޒަމް އިންޑަސްޓްރީން އެއްޗެއް ނުލިބިއްޖެ ކަމަށްވާ ނަމަ، ދިވެހި ދައުލަތަށް އާމްދަނީ ލިބޭނެ މާ ގިނަ ގޮތްތަކެއް ނެތް. މިވަގުތު ޓޫރިޒަމް އިންޑަސްޓްރީގައި އެ ތިބި މީހުން، ޓުވިޓާގައި ބޭނުންކުރާ ބަހުން ނަމަ، ރިސޯޓު ބޯއީސް އަދި ރިސޯޓް ގާލްސް ކުރަމުންދާ މަސައްކަތަށް އަޅުގަނޑު ސެލިއުޓު ކުރަން،" ނަސީމް ވިދާޅުވިއެވެ.

ލަންކާ ރައްޔިތުން ނަގާފައިވާ ލޯނުތައް ދެއްކުން ހަމަސް ދުވަހަށް ފަސްކޮށްފި

ދިވެހި ރައްޔިތުންގެ ލޯންތައް ސަސްޕެންޑްކުރަން ނަސީމް ގޮވާލެއްވި އިރު، ސްރީލަންކާގެ ރައްޔިތުން އެގައުމުގެ ބޭންކްތަކުންނާއި، މޯގޭޖް ކުންފުނިތަކުން އާއްމު ރައްޔިތުން ނަގާފައިވާ ވިޔަފާރި ލޯނުތައް ދެއްކުން ހަމަސް ދުވަހަށް ފަސްކުރިކަން ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އިއްޔެ ވަނީ އިއުލާން ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ސަޓޯ

    އާނ.. އެންމެ ކުޑަމިނުން ދެމަސްދުވަހައްދޯ ؟ ޢެކަމަކު ނުކުރާނެ

    16
    • ނާހު

      ލަސްކުރުން އެކަނި އެއީ އަދި ހައްލެއް ނޫން.. އާންމު ނިކަމެތި ރައްޔިތުން ނަގައިފައި ހުރި ލުއި ލީނޭ ކިޔާ ބަރު ބޮޑު ލޯނުތަކުގެ އިންޓްރެސްޓްވެސް ކުޑަކުރަން އެބަޖެހޭ..

      14
  2. މުހައްމަދު

    ނަސީމު ތިޔަ ހުށަހެޅުއްމުވަށް އައްސަރިބަހާ ސާބަސް. ތިޔައީ މެމބަރުންނަކީ.. ސެލިއުޓްކުރަން. ދެރަކަމަކީ އަހަރެމެން އިންތިޢާބުކުރި ރައީސް މީހާޔަށް މިކަހަލަ ކަނތައް ނުވިސްނޭތީ.

    31
    2
  3. ލޯތްބާއި އެކު

    ލޯންތައް ސަސްޕެންޑް ކުރާނެ ކަމެއްނެތް މިހާރުން ފެށިގެން އިންޓަރެސްޓް ކުޑަ ކޮއްދީ. މިހެން ގޮވާބަލަ، މިއޮތީ ވަގުތުއައިސްޖެހިފަ. އިއްޒަތްތރި ވެރިންނޭވެ،

    27
    5
  4. ޖައުފަރު

    އެޗް ޑީ ސީ ގެ އިންޓްރެސްޓް ބޮޑެތި ލޯނުތައް ސަސްޕެންޑް ކޮށްބަލަ !

    25
    3
  5. Anonymous

    ތިޔަ ވިދާޅުވަނީ މިގައުމު ބޭންކުން ލޯނުތައް ދޫކުރުން ސަސްޕެންޑު ކުރާގޮތައްތޯ ނޫންނަމަ ރައްޔިތުން ނަގާފައިވާ ލޯނު އަދާކުރުން ފަސްކުރުން ފަސްކުރާ ވާހަކަތޯ ސްރީލަންކާ ސަރުކާރުން ހެއްދެވިގޮތަށް؟؟ ވާނުވާ އޮޅުންފިލުވާ ދިނިއްޔާ ވަރަށް ރަނގަޅު،، ރައްޔިތުންގެ މިއަދުގެ ހާލަތާއިމެދު ވިސްނާވަޑައިގެން ސްރީލަންކާ ސަރުކާރުން ހެއްދެވިގޮތަށް ހަމަޖައްސާ ދެއްވައިފިއްޔާ ވަރަށް ރަނގަޅު

    11
  6. ޓިނު

    އަބަދުވެސް ވިޔަފާރިތަ ކުގެ ވާހަ ކަ ކޮބާތަ ތިޔަބޭފުޅުން ތި މަޖުލީހައް ވެއްދި ނި ކަމެތި ރައްޔިތުންގެ ވާހަ ކަ

    18
    1
    • ވާނުވާ

      އެހެނުވާނީ ކޮފީއަކައް އެރިޔަސް މިމީހުން އަރާނީ ކޮންމެވެސް ވިޔަފަރި ވެރިއަކާ އެއްކޮއްވިއްޔަ

      2
      2
  7. ޝާން

    ނަސީމް ގެ ތިގޮވަލެއްވުމަށް ޝުކުރު ދަންނަވަން. ކޮބާ ރައްޔަތުންގެ ހިތްތަކުގެ ރައީސް ކަމަށް ބުނާ ރައީސް ނަޝީދު. ރައްޔަތުން ހާލުގަ ޖެހުނު ވަގުތު ރައްޔަތުންގެ ލޯންތަށް ދެއްކުން ފަސްކޮށް ދިނުމަށާއި ކާބޯތަކެތި އަގު ހެޔޮކޮށްދިނުމަށް ވަކާލާތު ނުކުރައްވަނީ ކީއްވެގެންބާ؟

    29
    1
  8. މަމިޔޮކާކަ

    ތުލުސްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އިބްރާހިމް ނަސީމްގެ ތިޔަ ރަހުމުން ފުރިގެންވާ ގޮވާލެއްވުމައް އަޅުގަޑު ސަލާމް އަރިސްކުރަން. އަޅުގަޑައް ނުލިބޭ އެއްޗެއް ކިހިނެއްތޯ ބެންކައް ދައްކާނީ. މިކަމަށް ވަގުތުން ވަގުތަށް ހައްލެއް ހޯއްދަވާދެއްވަވާ.

    29
    1
  9. Anonymous

    އެޗްޑީއެފްސީގެ 12% އާއި 11.5 ޕަސެންޓުގެ އިންޓެރެސްޓް ލޯނުތަކުގެ އިންޓެރެސް ކުރިއަށް އޮތް 2 އަހަރަށް 7% އަށް ކުޑަކޮށްލަދެއްވާ. އެޕާޓްމަންޓްތަކުގެ ކުލި ކުޑަކުރަން މަޖްބޫރުވެއްޖެ. އެތައް ރައްޔިތުންނެއްގެ ވަޒީފާ ގެއްލި ނުވަތަ މުސާރައިން ބޮޑު ޕަސެންޓެއް އުނިވެއްޖެ. އަހަރެމެން ލަދުގަނޭ ކުއްޔަށް އުޅޭ މީހުންގެ އަތުން ބޮޑު ކުލިނަގަން. އެކަމަކު އެޗްޑީއެފްސީއާއި ބޭންކުގެ ލޯނުތަކުގެ އިންޓެރެސްޓް އިންތިހާއަށް ހުރުމުން ލޯނު ނުދެއްކިދާނެތީ ބިރުގަނޭ.

    18
  10. Anonymous

    ކޮބާ ކުރެޑިޓް ކާޑުތައް

  11. ައަންހެންމަންޖެ

    އިއްޒަތްތެރި މެންބަރުންނަކީތިޔައީ ތުލުސްދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ނަސީމަށް ހިފެހެއްޓުމެއްނެތް ސުކުރު އަދާކުރަން ސުކުރިއްޔާ އިއްޒަތްތެރި މެންބަރު
    ދެރައީ އޯގާތެރި ރައީސްގެ ޚަބަރެއް ނުވާތީ

  12. ާާ އަލީސާކިރު

    ޢެއްމެރަގަޅު ބަސް ބުނިމީހާ މިވަގުތައް...

  13. އިޒަން

    ވަރަށް ރަނގަޅު ޚިޔާލުފުޅެއް، އަޅުގަނޑުމެން ނިކަމެތި ރައްޔިތުންނަށްޓަކާ މިވަރު ކޮށްލާނެ އިތުރު މެމްބަރަކު ތިތަނުގަ ނެތުމަކީ ހިތާމަކުރާކަމެއް، މުސާރަކޮޅު އަތަށް ލިބުމުގެ ކުރިން ލޯނަށް ކަނޑާލާ،

  14. ސަމީލް

    ލުއި އެކްސްޕްރެސް ލޯނު ނަގާފަ ތިބި އެންމެންގެ ލޯނު މާފުކުރެވޭ ވަރަށް ދައުލަތުގެ އިސްރާފު އޮވޭ، ޝާހިދުމެންގެ ދަތުރަކަށްވެސް އެބަ ހަރަދުވޭ ރާއްޖޭގަ އާމުދަނީއަށް ބަހާލެވޭ ވަރަށް ފައިސާ