ކޮވިޑް-19 އަށް ރާއްޖެއިން ފެނުމާއި ގުޅިގެން މުސާރަ ހިނގާގޮތަށް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ނިންމައިފިއެވެ.

އައްޑޫ އެއާޕޯޓްގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް ނިންމާފައިވަނީ ދެ ހަފްތާއަށެވެ.

އައްޑޫ އެއާޕޯޓުން ބުނެފައިވަނީ މިގޮތަށް ޗުއްޓީ ދިނުމަށް ނިންމާފައިވަނީ އުމުރުން 55 އަހަރުން މަތީގެ މުވައްޒަފުންނާއި، ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަމުން އަންނަ މުވައްޒަފުންނާއި މާބަނޑު މުވައްޒަފުންގެ އިތުރުން ރޯގާގެ އަލާމާތްތަކެއް ފެންނަން ހުރި މުވައްޒަފުންނަށް ކަމަށެވެ.

މިއީ މުވައްޒަފުންގެ ރައްކާތެރިކަމަށް ކޮށްފައިވާ ކަމަކަށްވުމުން ޗުއްޓީ ދެވޭ މުވައްޒަފުންވެސް އެ މުއްދަތުގައި ގޭގައި ތިބުމަށް އެއާޕޯޓުން ވަނީ އިލްތިމާސް ކޮށްފައެވެ.

އައްޑޫ އެއަޕޯޓްގެ ބައެއް މުވައްޒަފުންނަށް މިގޮތަށް ޗުއްޓީ ދީފައިވާއިރު އެޑިއުކޭޝަނުންނާއި، އިލެކްޝަން ކޮމިޝަނުންވެސް ވަނީ ސްކޫލްތަކުގައި މަސައްކަތް ކުރަމުން އަންނަ މިދެންނެވި މުވައްޒަފުންނަށްވެސް ޗުއްޓީ ދީފައެވެ.

އަދި ބައެއް އެހެން ސަރުކާރުގެ އިދާތާކާއި، ކުންފުނިތަކުންވެސް ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 13 މީހަކު ޕޮޒިޓިވް ވެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ. މިކަމާއި ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގައި 30 ދުވަހުގެ މުއްދަތަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.