ސްޓޫޑެންޓް ލޯން ދެއްކުން 6 މަސް ދުވަހަށް ފަސް ކުރަން ސަރުކާރުން ނިންމައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ކޮވިޑް-10 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ގެއްލުމެއް މިހާރު ވެސް ލިބެމުންދާ ކަމަށެވެ. އަދި ވިޔަފާރިތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ރައީސް ވިދާޅުވީ، މަތީ ތައުލީމަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯން އަނބުރާ ދެއްކުމުގައިވެސް މި ދަނޑިވަޅުގައި ލުއި ގޮތްތަކެއް ހަމަޖައްސުމަަށް ނިންމާފައިވާ ކަމަށެވެ.

"މިހާރުވެސް ސްޓޫޑެންޓް ލޯން އަނބުރާ ދައްކަން ޖެހިފައިވާ 4000 އަށްވުރެ ގިނަ ބޭފުޅުން އެބަތިއްބެވި، ސަރުކާރުން މިހާރު ނިންމާފައިވަނީ މި ދެންނެވި ސްޓޫޑެން ލޯން އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް،" ރައީސް ވިދާޅުވިއެެވެ.

އަދި މިހާރު އޮތް ސްޓޫޑެންޑް ލޯން ސްކީމް ކަނޑައެޅިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ދަރިވަރުންނަށް ލޯނު ފައިސާ ލިބުމުގައި ދައްޗެއް ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ސަރުކާރުގެ ލޯނު ސްކީމުގެ ދަށުން ގިނަ ދަރިވަރުންނެއް ކިޔަވަމުންދެއެވެ.