މަޖީދިއްޔާ ސްކޫލްގެ ސްކައުޓް ގްރޫޕް (ފަސްޓް މާލެ ސްކައުޓް ގްރޫޕް) އިން އިސްނަގައިގެން ކޮވިޑް-19 އަށް އާންމުން ހޭލުންތެރި ކުރުމުގެ ހާއްސަ ކެންޕޭނެއް މީސް މިޑިއާގައި ފަށައިފިއެވެ.

މިކެންޕޭނަކީ އާންމުންނަށް މައުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރު ކުރުމަށްޓަކައި ސިއްހީ މާހިރުންގެ ލަފާއާއި ނަސޭހަތުގެ ބަސްކޮޅުތަކާއި އެކު ކުރިޔަށް ގެންދެވޭ ކެންޕޭނެއްކަމަށް އެ ސްކައުޓް ގްރޫޕުން ވަނީ ބުނެފައެވެ.

މި މަސައްކަތުގެ ތެރެއިން އިސްލާމީ ނަޒަކުން މިކަމާ ގުޅުން ހުރި މައުލޫމާތުތައް ފޯރޮކޮށްދޭނެއެވެ. މިކަން ކުރަމުން ދަނީ މަޖީދިއްޔާ ސްކައުޓް ގްރޫޕް އާއި މަހަލްދީބް ފައުންޑޭޝަނާއި ގުޅިގެންނެވެ.

މީސް މީޑިޔާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ކުރިޔަށްދާ މި ކެންޕޭންގެ ޕޯސްޓްތައް މަޖީދިއްޔާ ސްކައުޓް ގްރޫޕްގެ ޕޭޖްތަކުންނާއި އެކައުޓްތަކުން ފެންނަން ހުންނާނެއެވެ. މި މަހުގެ 25 ވަނަ ދުވަހު ފެށިގެން ދިޔަ މި ކެންޕޭން އޭޕްރީލް މަހުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން ލެޔަށް ބޭނުންވެފައި ތިބި މީހުންނަށް ލޭ ލިބުމުގައި ދަތިތަކެއް ދިމާވެފައިވާ ދަޑިވަޅެއްގައި ބްލަޑް ޑްރައިވް އާއި މަޖީދިއްޔާ ސްކައުޓް ގްރޫޕްއާއި ގުޅިގެން ވަނީ ތެލަސީމިޔާ ސެންޓަރަށް ބޭނުންވާ ވަރަށް ލޭ ހޯދާދީފައެވެ. 4 ދުވަހަށް ދިގުދެމިގެން ދިޔަ މި ލޭ ހަދިޔާ ކުރުމުގެ ހަރަކާތްވެސް ވަރަށް ކާމިޔާބުކަމާއި އެކު ވަނީ ނިންމާލެވިފައެވެ.

މަޖީދިއްޔާ ސްކައުޓް ގްރޫޕްއަކީ ރާއްޖޭގެ ސްކައުޓް ހަރަކާތް ފެށިގެން ދިޔަ ސްކައުޓް ގްރޫޕްއަށް ވާއިރު މި ގްރޫފް އުފެދުނީ 1956 ވަނަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހުއެވެ.