ރާއްޖޭގައި ޑެންގީ ހުން ފެތުރޭ ދުވަސްވަރު ކައިރިވަމުން އަންނާތީ އެ ބައްޔާއި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ގައުމީ މަސައްކަތްތަކެއް ފެށުމަކީ މުހިންމު ކަމެއް ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އެގޮތުން އޮފީސްތަކާއި ސްކޫލްތަކާއި ކޮލެޖުތަކާއި ޔުނިވަސިޓީތައް ބަންދު ކުރުމުގެ އިތުރުން ބައެއް ގައުމުތަކުން މީހުން އައުން މަނާކޮށް އަދި ރިސޯޓްތަކަށް ދަތުރުކުރުން ވެސް ވަނީ މަނާކޮޮށްފައެވެ. އަދި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ވަކި ގަޑިތަކެއްގައި ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮންމެ އަހަރެއްގެ ޖޫން އަދި ޖުލައި މަހަކީ ޑެންގީ ފެތުރޭ ދުވަސްވަރު ކަމަށް ވާތީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް މަސައްކަތްކުރާ ދަނޑިވަޅެއްގައި ދެ ބަލި އެއްފަހަރާ ފެތުރުނަ ނުދިނުމަށްޓަކައި ޑެންގޫ މަދިރި ނައްތާލުމުގެ ގައުމީ މަސައްކަތްތައް ދުރާލައި ފެށުމަކީ މުހިންމު ކަމެއް ކަމަށެވެ.

ޑެންގީ އާއި ވައިރަލް ހުމާއި އިންފްލުއެންޒާ ފަދަ ބަލިތައް ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ފެތުރެނީ ހުޅަނގު މޫސުމާ ދިމާކޮށް ޖޫން އަދި ޖުލައި މަހުއެވެ. އެކަމަކު، މިދިޔަ އަހަރުގެ ތެރޭގައި ޑެންގީ ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވެއެވެ. މި ބަލީގައި މިދިޔަ އަހަރު މަރުވެފައި ވަނީ އެންމެ މީހެކެވެ.

ޑެންގީ ޖެހިގެން، 2018 ވަނަ އަހަރު މަރުވީ ވެސް އެންމެ ދިވެއްސެކެވެ. އަދި 2017 ވަނަ އަހަރު ރާއްޖެ އިން 200 އަށް ވުރެ ގިނަ މީހުންނަށް ޑެންގީ ޖެހުނު އިރު ހަ މީހަކު މަރުވިއެވެ.

މަދިރީގެ ސަބަބުން ޖެހޭ ޑެންގީއާއި ޗިކުންގުންޔާއަށް ރައްކާތެރިވުމަށް ސިއްހީ އިދާރާތަކުން ވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ފާތުމަތް

  މާލެ މިހާރު އެބަޖެހޭ ވަރައް ސާފުކުރަން. ބުޅާއެހަގިނަ، މަދިރިއެހާގިނަ، ފާޑުފާޑުގެ ބަލިތައް އަބަދު ފެތުރެނީ. މާލެ ތެރެސާފުނުކޮއް ބަލިމަޑުކަމުންސަލާމަތެއްނުވެވޭނެ. މުއީޒް މިކަންކޮއްދެއްވާ މަގުތަކާ ގޭގެޔާ ކާނުތަކާ މާރުކޭޓް ތަކަކީ ސާފްތާހިރު ތަން ތަނައް ބަދަލްކޮއްދެއްވާ.

 2. ޏަމް

  މާލެ ސާފުތާހިރީ މަގުމަތި އެކަނި ގޭގެޔަށް ގޮސްބެލީމަ މުޑުދާރުކަން ފެންނާނެ .
  .

 3. ޕާޓީ

  އެންމެން އެއްބަސް ކިޔާފައި ސިޔާސީ ޕާޓީތައް އުވާލަބަލަ. އޭރުން އެއްބައިވެސް ވެވުނީ. ސިޔާސީ މީހުންނަށް ކުރާ ބޭކާރު ޚަރަދުތަކާ މުސާރަތައްވެސް ސަލާމަތް ވެވުނީ. އޭރުން ރައްޔިތުން ތިބޭނީ ހަމަޖެހިގެން. ލިބޭ އެއްޗެއް ނިކަމެތިންނަށާ އެކުގައި ބައިއެޅި ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ އޭރަށް. މިހާރު މި އުޅެނީ ސަލާމް ޖަހަން އިންނަ މީހާ ކުރާ ފޯނުކޯލުންނާ ބޯ ފެންފޮދުންވެސް ޓެކްސް ނަގައިގެން އިސްވެ ބުނި ފަރާތްތަކަށް ޚަރަދު ކޮށްގެން