ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދީ ހާލަތު އެންމެ ދަށަށް ދިޔަ ނަމަވެސް ފައިސާ ޗާޕު ކުރުމަކީ ނުކުރާނެ ކަމެއް ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމެޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ އެންމެ ފުދުންތެރި ގައުމުތަކުން ވެސް ފައިސާ ޗާޕުކުރާ ފަދަ ހާލަތަކަށް އެގައުމުތަކުގެ އިގްތިސޯދު ވެއްޓިއްޖެ ނަމަ ގައުމުގެ އިގްތިސޯދީ ބުރަދަނަށް ރިއާޔަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ގައުމުތަކުން ފައިސާ ޗާޕު ކުރި ނަމަވެސް އެ ގައުމުތަކުގެ އެތެރޭގައި ހުރި ވަސީލަތްތަކާއި މަސައްކަތްތައް ބޭނުން ކޮށްގެން ހާލަތުން އަރައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

އެހެންނަމަވެސް ރާއްޖޭގައި އެފަދަ މަސައްކަތްތަކެއް ކުރެވެން ނެތްކަން ފާހަގަކުރައްވާ ގަވަރުނަރު ވިދާޅުވީ ރާއްޖެއަކީ އެކްސްޕޯޓުދަށް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއް ކަމަށެވެ. އެފަދަ ހާލަތެއްގައި ޕްލޭންކުރެވި ދުރާލައި ކަންކަންވާނެ ގޮތަކަށް ބަލައި ޕްލޭންތަކެއް ހެދުމަކީ މުހިންމު ކަމެއް ކަމަށް ގަވަރުނަރު އަލީ ހާޝިމް ވިދާޅުވިއެވެ.

ގަވަރުނަރު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އަންނާނެ ބަދަލުތަކުގެ ތެރެއިން އެންމެ ގޯސްވެދާނެ ހާލަތުތައް ރިއާޔަތްކޮށް މަރުކަޒީ ބޭންކް އެމްއެމްއޭ އިން ޕްލޭނުތަކެއް އެކުލަވާލާފައިވާނެ ކަމަށެވެ. އަދި އެ ޕްލޭނާއި އެއްގޮތަށް ކަންކަން ކުރުމަކީ ރާއްޖޭގެ އިގްތިސޯދު މިހާރު އޮތް ހިސާބުގައި ހިފެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ގަވަރުނަރު ވަނީ މުޅި ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ މައިނަސް 17 ޕަސެންޓަށް ވެއްޓޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ މައިނަސް 9 ޕަސެންޓަށް ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ވެއްޓިދާނެ ކަމަށް ލަފާ ކުރީ މީގެކުރިން ކުރިމަތިވެފައިވާ ގްލޯބަލް ފައިނޭޝަލް ކްރައިސިސްތަކާއި އަޅާ ކިޔުމަށްފަހު ކަމަށެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑަށް ރާއްޖޭގެ އިގްތިސޯދަށްވެސް މިފަހަުގެ ތާރީހެއްގައި ބޮޑު އަސަރެއް ކޮށްފައިވަނީ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ކަމަށެވެ.

"އެއީ ގާތްގަނޑަކަށް 13 ޕަސެންޓް ދަށަށް ދިޔައީ. ގްލޯބަލް ފައިނޭންޝަލް ކްރައިސިސްގައި 7.7 ޕަސެންޓް. އެންމެ ގޯސް ސިނާރިއޯގައި 17.7 ޕަސެންޓު ދަށަށް ދާނެ ކަމަށް ބެލެވެނީ. އެހިސާބަށް ގޮސްފިނަމަ ހާލަތު ވަރަށް ދަށްވާނެ." ގަވަރުނަރު ވިދާޅުވިއެވެ.

އެންމެ ގޯސް ވެދާނެ ހާލަތެއް ކަމަށް ގަވަރުނަރު ފާހަގަކުރެއްވި ހާލަތަކީ ކޮވިޑް-19 ގެ ސަބަބުން އެއްވެސް ފަތުރުވެރިޔަކު ރާއްޖެ ނައުން ނުވަތަ ފަތުރުވެރިން ރާއްޖެއަށް މަދުން އައުމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބޯގޯސް ގަވަރުނަރ

    ރާއްޖެ އަކީ އިމްޕޯޓްދަށް އެކްސްޕޯޓަށް ބަރޯސާވެފަ ވާ ގައުމެކޭ؟؟ އެކަމު ދަތް ކޮއްޓާ އިލޮށި ކޮޅުވެސް އެތެރެ ކުރާ ޤައުމެއް މިނޫނީ ނޯނާނެ ކަނޭގެ..

    5
    1
  2. Anonymous

    ގަވަރުނަރު ކަލޭ ޖެހޭނީ އަތަށް ގޮވަން. ކަލޭ ތިޔަ މަޤާމަށް އެމްޑީޕީއިން އިސްކުރީވެސް އެމީހުން ބޭނުންގޮތެއް ހަދަންވެގެން. ފައިސާ ޗާޕްވެސް ކުރާނެ. އެހެނަސް ކުރާނެ ފައިދާއެއް ނޯންނާނެ. ދެން ޕާޓީގެ ބޮޑުންގެ އެކައުންޓް ތަކުގައި ފައިސާ ބަށްކޮށްފައި ބަހައްޓާނީ. ސަންދޯކަށް އަޅަން.

    10
    4
  3. ނަފީޒް

    ފައިސާ ޝާޕުކުރެވޭނީ އެކަން ކުރާނެ ލާރި ހުރެގެނެއްނުން.. ސަރުކާރަކުނެތް މިއަހަރުގެ ރިކަރަންޓު ޚަރަދުތައް ކުރެވޭނެ ފަދައެއް.. ސަލާންޖަހަން ނާށިގަނޑު ދިއްކުރީމަ ލިބުނީ ދެތިން ލާރިފޮތި..

    10
    2
  4. ނަން އިތުރު

    އެހެންނަމަވެސް ރާއްޖޭގައި އެފަދަ މަސައްކަތްތަކެއް ކުރެވެން ނެތްކަން ފާހަގަކުރައްވާ ގަވަރުނަރު ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓްދަށް، އެކްސްޕޯޓަށް ބަރޯސާވެފައިވާ ގައުމެއް ކަމަށެވެ. އަޅެ މަށައް މި އުޅެވެނީ 2080 ގެ އަހަރު ތަކުތެރޭގަ ބާ؟

  5. ުއުނދުޅި

    ޕީ ޕީ އެމް ބައިގަނޑު ދައުލަތުގެ ހަޒާނާ ލޫޓުވާނުލިނަމަ
    މިޔަދު ދިވެހިންތިބޭނީ ފުދިގެން

    1
    4
  6. ދަންބެރު

    ފައިސާޖަހާނެ ފައިސާޖަހާނީ ތިބޭފުޅާއެއްނޫން އޯޑަރަށް ނުކުރާނާމޭ ތިޔަބޭފުޅުންބުނާބަހުގެ މައުނައީ ކުރާނަން ކުރާނަން މީގެރަންޓީ .