މާލޭގައި ގެދޮރުނެތް މީހުންނަށް ފުލުހުން ކާބޯތަކެތި ބަހައިފިއެވެ.

ފުލުހުން މިކަން ހާމަކޮށް ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ގެދޮރު ނެތް މީހުން ސަރުކާރުން ހަމަޖައްސާފައިވާ ކާބޯތަކެތި، މިއަދު މާފަންނު ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރައްވާ އޮފިސަރުން ބަހާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ގެދޮރުނެތް ފަރާތްތަކަށް ސަރުކާރުގެ އިދާރާތަކާއި މޯލްޑިވިއަން ރެޑްކްރެސެންޓް ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ވެސް ހަމަޖައްސާފައި ވާކަމަށެވެ.

މިއަދު މާފަންނު ފުލުހުން، އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާއިރު، ގެދޮރުނެތް 24 ފަރާތެއް ހޯދައި ވަގުތީ ހިޔާތަކަށް ގެންގޮސްދީފައިވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ސަރުކާރުން ގެދޮރުނެތް މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ، މާލެއިން އިއްޔެ ކޮވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ފެނި، މި ވައިރަސް މާލޭގައި ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

މާލެ އިން ކޮވިޑް-19 ފެނުމާއި ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދުކޮށް އެލާޓް ލެވެލް ރަތަށް ބަދަލުކޮށްފައި ވާއިރު، އާންމުން ބޭރަށް ނުނިކުތުމަށް އިދާރާތަކުން ވަނީ އެދިފައެވެ.

ކޮވިޑް-19 މުޖުތަމަޢުގެ ތެރޭގައި ފެތުރުން ހުއްޓުވަން ކުރެވޭނެ ކަމަކީ އާއްމުން ބޭރަށް ނިކުމެ އުޅުން ހުއްޓާލުމެވެ. އެންމެ ބާރަށް ބަލި ފެތުރެމުންދާ ގައުމުތަކުގައި ވެސް ބަލި ކޮންޓްރޯލް ކުރެވޭ މަންޒަރު ފެންނަން ފަށާފައި ވަނީ އާއްމުން ބޭރަށް ނިކުތުން ހުއްޓާލުމުންނެވެ.

ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހިގެން ނިކުތް ނަމަވެސް ގެއަށް އާދެވުމާއި އެކު އެންމެ އިސްކަމެއް ދީގެން އަތް ދޮވެ، ސާފުތާހިރު ވާން ޖެހެއެވެ. އެއީ ބޭރުން ވައިރަސްގެ އަސަރެއް ކޮށްފައި ހުރިނަމަ އެކަމުން ސަލާމަތްވުމަށްޓަކައެވެ.