ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތްތަކުގެ އަޑުއެހުންތަކަށް ނޫސްވެރިން ނުވެއްދުން އާއްމު ކަމަކަށް ވެއްޖެއެވެ.

ކޯޓުން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް، ކަނޑައެޅީފައިވާ ގަޑީގައި ނަން ނޯޓުކޮށް، ޝަރީއަތުގެ އަޑުއެހުމަށް ވަނުމަށް ކްރިމިނަލް ކޯޓަށް ހާޒިރުވެ، އެ ކޯޓުގެ ރިސެޕްޝަން އޭރިއާގައި މަޑުކޮށްގެން ތިބޭއިރުވެސް ދިވެހިރާއްޖޭގެ ކޯޓުތަކުގައި އަމަލު ކުރަމުންދާ އާއްމު އުސޫލާ ހިލާފަށް "ހަނދާން ނެތިގެން" ނޫސްވެރިން ނުވައްދާ ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުން މިވަނީ ޢާއްމު ކަމަކަށް ވެފައެވެ.

މިއަދު ހެނދުނު 11:00 ގައި ކްރިމިނަލް ކޯޓުގެ "K" ސެކްޝަނުގައި ބެލި މިދިޔަ އަހަރު ޖޫން މަހު ލ. ގަމު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ބާންދް ޝަހުމިޔާގެ މައްސަލައިގައި ލ. ގަން ރެޑްފިޝް އަލީ ހަމްޒާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަސްތުގައި މީހަކު މެރުމުގެ ދައުވާގެ އަޑުއެހުމަށް 10:45 އިން ފެށިގެން ކްރިމިނަލް ކޯޓަށް މި ނޫހުގެ ނޫސްވެރިން ހާޒިރުވެ ތިބި ނަމަވެސް 12:30 ހާއިރު އެންގީ "ސެކްޝަނުން ހަނދާން ނެތިގެން ނުވެއްދީ" ކަމަށެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި މިގޮތަށް ނޫސްވެރިން ނުވައްދާ ޝަރިއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމުން، އެކަމާ މެދު ސުވާލު ކުރުމުން ކްރިމިނަލް ކޯޓުން ބުނެފައިވަނީ، "މައްސަލަ ބަލާ ސެކްޝަނުން ހަނދާން ނެތިގެން" ނޫސްވެރިން ނުވެއްދީ ކަމަށެވެ. ނަމަވެސް "ހަނދާން ނެތިގެން" ނުވެއްދުނީ ކަމަށް ކޯޓުން ބުނާއިރު، ނޫސްވެރިން ޝަރީއަތުގެ އަޑުއެހުމަށް ވަނުމަށް އައިސް އެތައް އިރަކު ތިބެނީ އެ ކޯޓުގައި ނަން ނޯޓު ކުރުމަށް ފަހުގައެވެ.

ކްރިމިނަލް ކޯޓުން މިފަދަ ގޮތްތަކަށް އަމަލު ކުރުމުން ޢާއްމުކޮށް ހުޅުވާލެވިގެން ބާއްވާ ޝަރީއަތްތަކުގެ ޙަބަރުތައް ޢާއްމު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ނޫސްވެރިން ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސްއެޅި ދަތިވެގެންދާއިރު، މި މައްސަލައަށް އަވަސް ހައްލެއް ބޭނުންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިދިވެހިރާއްޖޭގައި މިހާރު ހުރީ އިސްލާމީ ޝަރީއަތް ކުރާ ކޯޓުތަކެއް ނޫނެވެ.އެހެންވީމަ ތިކަހަލަ ހުރިހާކަމެއްވެސް ކުރިމަތި ވާނެއެވެ. މިރާއްޖެ ދުހަކުން ދުވަހަކުން މިދަނީ ގެއްލި ހަލާކުވަމުންނެވެ.

  2. "ހަނދާން ނެތިގެން" ވަރަށް ސާފް، ޕޮލިހުން އެއްފަހަރު މިވެނިވަރެއް، ފަހުން އެއީ އޮލިގެން ބުނެވުނު ވަރެއް، ސަރުއީ ދާއިރާ އިން "ހަނދާން ނެތިގެން" ދެން މިވަރުން ފުދޭ. ސުކުރިއްޔާ ވަގުތު