ވެމްކޯގެ މުވައްޒަފަކު ގެއިން ނެރެލީ ކަމަށް ބުނެ، އެތަނުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފަކު ގެއަކުން ނެރެލި ވާހަކަ އެ ކުންފުނިން ދޮގުކޮށްފިއެވެ.

ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފަކު ގެއިން ނެރެލި ކަމަށް ބުނެ ވާހަކަ ފެތުރިގެން ދިޔައީ ހަގީގަތާ ހިލާފަށް ކަމަށެވެ. އެ މައްސަލަ ހާއްސަ ކޮމިޓީއަކުން ތަހުގީގު ކުރިއިރު، މިހާތަނަށް ބެލި ބެލުމުން އެގެއިން އެމީހާ ބޭރުކޮށްލީ ވެމްކޯގައި މަސައްކަތް ކުރާތީ ނޫން ކަމަށް އެ ބަޔާނުގައިވެއެވެ.

މިއީ ބައެއްގެ އަމިއްލަ މައްސަލައަކުން ހިނގި ކަމެއް ކަމަށާއި ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން މުޅި ގައުމުގެ މަސްލަހަތު ގެއްލުނަ ނުދިނުމަށް އެންމެން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެމްކޯގެ ބަޔާނުގައިވެއެވެ.

އަދި ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން މަސްލަހަތު ގެއްލުވާނުލަން އެ ކުންފުނިން ވަނީ އެދިފައެވެ.

ވެމްކޯ އިން ބުނީ މިކަމާ ގުޅިގެން މުވައްޒަފު ދިރިއުޅެމުން ދިޔަ ގޭގެ ވެރިފަރާތާ މަޝްވަރާކޮށް ކަންވީގޮތް އޮޅުން ފިލުވާފައިވާނޭ ކަމަށާއި، އަދި ވެމްކޯގެ މުވައްޒަފާއި ވެސް މިކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ ކަަމަށެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނެފައި ވަނީ ކަމުގެ ހަގީގަތް ނުބަލާ މި މައްސަލަ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އެކުންފުނީގެ މުވައްޒަފު ވެސް މިހާރު ވަނީ މިކަމުގައި ޝާމިލުވާ މީހުންގެ ކިބައިން މައާފަށް އެދިފައި ކަމަށް އެ ބަޔާނުގައިވއެވެ.

ވެމްކޯ އިން ވަނީ މިކަމުގައި ޝާމިލުވާ އެއްވެސް މީހެއްގެ އަބުރު ކަތިނުލުމަށް އިލްތިމާސްކޮށްފައެވެ.