ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގައިވެސް މާރސީން ކުރިއަށް ގެންދާ ހަދިޔާވަށީގެ މި އަހަރުގެ ޕްރޮގްރާމަށް 42،344 ރުފިޔާ ލިބިއްޖެއެވެ.

މިދިޔަ އަހަރުވެސް މާރސީގެ ފަރާތުން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމަށް މިހާރު ފައިސާ ނެގުން ނިންމާލާފައިވާއިރު އަދިވެސް ގިނަ ބަޔަކު އަންނަނީ ފައިސާ ފޮނުވުމަށް ޝައުޤުވެރިކަން ފާޅުކުރަމުންނެވެ.

މިދިޔަ އަހަރާއި ޚިލާފަށް މިއަހަރު ދިމާވެފައިވާ ހާލަތާއި ގުޅިގެން ދަތިހާލުގައި އުޅޭ ފަރާތްތަކަށް މި ފައިސާ ފޯރުކޮށްދިނުމަށް މާރސީން ނިންމާފައިވަނީ އޮންލައިން ޓްރާންސްފަރ މެދުވެރިކޮށެވެ.

ބޮޑެތި ބަލިތަކަށް ބޭސްކުރަމުންދާ ފަރާތްތަކަށާއި ދަތި ޙާލުގައި އުޅޭ ފަރާތްތަކަށް އެހީވުމުގެ މަޤުސަދުގައި ރަޖިސްޓްރީކޮށްގެން ހިންގާ 'މާރސީ' ގެ ހަދިޔާވަށި ޕްރޮގުރާމަކީ ރަމަޟާން މަހު ދަތިހާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިވުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މީގެ އިތުރުން ރަމަޟާން މަހު ޞަދަޤާތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދީ އެންމެ ބޭނުންވާ ފަރާތްތަކަށް އެ ފައިސާ ރައްދުކޮށްދިނުމުގައި މެދުވެރިޔަކަށްވުމަކީވެސް މި ޕްރޮގުރާމް ކުރިއަށް ގެންދިޔުމުގެ މަޤުސަދެކެވެ.

މިއަހަރުގެ ހަދިޔާވަށި ޕްރޮގުރާމު މެދުވެރިކޮށް އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދިފައިވަނީ ހާއްސަ ފޯމެއް ހުށައަޅައިގެންނެވެ. ފޯމު ހުށައެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅާ އެ ފަރާތްތަކަށް ފައިސާ ފޮނުވުމުގެ މަސައްކަތް މިހާރު މާރސީގެ ފަރާތުން ކުރަމުން އަންނަކަމަށް އެ ޖަމިއްޔާއިން މަޢުލޫމާތުދެއެވެ.